English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި, މިހާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ޖަލަށް ލުމަށް ޙުކުމް ކުރި ނަމަވެސް ޖަލަށް ވުރެ ގިނަ ދުވަސް އިމްރާން ހޭދަކުރެއްވީ ގޭގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ، މިނިސްޓަރު އިމްރާން އަށް ޖަލުގައި ލިބިވަޑައިގެންނެވި ވަސީލަތްތަކަށް ވުރެ ރައީސް ޔާމީނަށް އެތައް ގުނައެއް ރަނގަޅަށް ވަސީލަތްތައް ފޯރުކޮށްދެމުން އަންނަކަމަށް ވިދާޅުވެ އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައެވެ.

ރޭ “ސަންގު ޓީވީ”ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޔާމީނާ ބައްދަލުކުރެއްވުމަށް ޖަލަށް ވަޑައިގަތީ، އެމަނިކުފާނުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރު ދީފައި އޮތް ލިޔުމަކާއި ގުޅިގެން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. އަދި މިވަގުތު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާން ރައީސް ޔާމީން ބޭނުން ނުވާ ކަމަށް އިމްރާންވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ކުރެއްވި ޓުވިޓްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރުވެސް ޝަހީމް ހުންނެވީ ގޭގައި ކަމަށެވެ.

“ރޯދަމަހު، އީދު ދުވަހުވެސް ގޭގައި، ބޭފުޅަކު ލިބިވަޑައިގެންނެވީމާވެސް ގޭގައި. ޖަލަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވީ ގޭގައި. ރައީސް ޔާމީން ޖަލަށް ލެއްވި ގޮތަށް އެ ހުންނެވީ ޖަލުގައި. ވީމާ ގެއަށް ގެންނަވާ” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

އިމްރާން އަށް ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރު އިދިކޮޅުން ބޭއްވި “މޭޑޭ” މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިމްރާން ޖަލުން މިނިވަން ވެފައި ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށް، މިނިވަންކުރުމަށް ކޯޓުން އަމުރު ކުރުމުންނެވެ. އަދި ފަހުން ސްޕްރީމް ކޯޓުން ވަނީ އިމްރާންގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށްފައެވެ.