English Edition
Dhivehi Edition
07 ޖޫން 2020 ވަނަ ދުވަހު ގައްދޫ ސައުތު އެކްސްޕްރެސް ބޯޓު ފަރަށް އެރުމާއި ގުޅިގެން އެ ބޯޓު ސަލާމަތް ކުރުމުގައި މަސްވެރިން ހަރަކާތްތެރިވަނީ - ފޮޓޯ: ޓްވިޓާ (ދިވެހި މަސްވެރިން)

ގއ. ދާންދޫ ކައިރީ އޮންނަ ‘ވޮޑަމުލަ’ ކަނޑާ ދިމާލަށް ފަރަށް އެރި، ގދ. ގައްދޫ ސައުތު އެކްސްޕްރެސް ބޯޓު ފުންކޮށްފި އެވެ.

ދިވެހި މަސްވެރިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހުވަދު އަތޮޅަށް ވަރަށް ގަދައަށް ވައިބާރުވެ ކުރަމުންދާ ވިއްސާރައިގައި ސައުތު އެކްސްޕްރެސް ބޯޓުގެ އިންޖީން ހުއްޓިފައިވާ ކަމަށެވެ. އެ ބޯޓުގެ އިންޖީން ހުއްޓުނީ ބޯޓުން ވެއްޓުނު ވަލެއް ބުރަފަތީގައި އޮޅިގެންނެވެ. އަދި އެ ބޯޓު ފަރާ ކައިރިވާތީ މަސްދޯނިފަހަރުތަކުން ވަނީ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދެ ދޯންޏެއްގެ އެހީތެރިކަމާއެކު އެ ބޯޓު ކަފު ޖަހައިގެން ފުންކުރެވުނީ ބޯޓުގެ ފަހަތްކޮޅު ފަރަށް އަރާފައި ވަނިކޮށެވެ. މީގެ އިތުރުން އެ ބޯޓު ދިޔަވެ، އިންޖީން ރޫމަށްވެސް ފެންވަދެފައިވާއިރު، ޕަމްޕް ޖަހައިގެން ދިޔަވުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ބޯޓުގެ ބަނޑުފިލައިން ފަސް ފޫޓުގެ ތަނެއް ހަލާކުވެފައިވާއިރު، ފަރުމަތީގައި ބޯޓުގެ ފަހަތް ޖެހި ތިން ތަނަކަށް ވަނީ ގެއްލުންވެފަ އެވެ. އަދި ބޯޓުގައި ހުރި މުދާތަކަށްވެސް ގެއްލުންވެފައިވާއިރު، ގެއްލުންވެފައި ވަނީ ކިހާ މުދަލަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ބޯޓުގެ ހުންގާނަށްވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް ގެއްލުންވެފައި ނުވެއެވެ.

އެ ބޯޓު ދިޔަވުން ކޮންޓްރޯލްވެ މިހާރު ވަނީ އާންމު ޙާލަތަށް ގެނެސްފައެވެ. އަދި މިހާރު މަސްދޯންޏެއްގައި ބޯޓު ކަފު ޖަހައިގެން ގެމަނަފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.