English Edition
Dhivehi Edition
ރޭގެ މެޗުގައި ބަޔާން މިއުނިކްގެ ދެވަނަ ލަނޑުޖަހައިދިނުމަށްފަހު ލެއޮން ގޮރެޓްޒްކާ (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޖަރުމަން ބުންޑެސްލީގާ ގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ފަހަތުން އަރައި 4-2 އިން ބަޔާ ލެވަކޫސަން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މިއާއެކު ލީގުގައި ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެން ބަޔާނަށް ޗެމްޕިއަންކަން ލިބޭނެއެވެ.

މިރޭގެ ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން ބަޔާނަށް ލިބިފައިވަނީ 70 ޕޮއިންޓެވެ. އޭގެ ހަތް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑް އެވެ. ތިންވަނައިގައި އޮތް އާރްބީ ލިޕްޒިގަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ފައިދާ ގޯލްގެ ތަފާތުން ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކްގެ އިތުރުން ފަސްވަނައިގައި އޮތް ލެވަކޫސަން އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

ލެވަކޫސަންގެ ބޭ އެރީނާގައި ކުޅުނު މެޗަށް އެ ޓީމުން ނިކުތީ އަނިޔާގެ ސަބަބުން އެންމެ މުހިއްމު ކުޅުންތެރިޔާ ކާއީ ހާވާޓްޒްއާ ނުލައެވެ. ބަޔާނުން މި މެޗަށް ނިކުތްއިރު އަނިޔާގެ މާބޮޑު މައްސަލައެއް ނެތެވެ. މެޗު ފެށިގެން ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ލެވަކޫސަން އެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ލޫކަސް އަލާރިއޯ އެވެ. ނަމަވެސް، މެޗުގެ 27 ވަނަ މިނެޓުގައި ފްރާންސްގެ ދުވެލި ބާރު ވިންގާ ކިންގްސްލީ ކޯމަން ވަނީ ބަޔާނަށް އެއްވަރުކޮށްދީފައެވެ.

އޭގެފަހުން، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ތޯމަސް މުލާ ދިން ބޯޅައަކުން ލެއޮން ގޮރެޓްޒްކާ ބަޔާނަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައިވާއިރު، އިތުރުވަގުތުގައި ސާޖް ނެބްރީ ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. ބަޔާންގެ ފަހު ލަނޑު، މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ލީގުގައި އޭނާ ޖެހި 30 ވަނަ ލަނޑެވެ.

މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ލެވަކޫސަންގެ އުއްމީދީ މިޑްފީލްޑަރު ފްލޮރިއަން ވާޓްޒް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި ގޯލާއެކު އޭނާ ވަނީ ޖަރުމަން ލީގުގައި މިހާތަނަށް ލަނޑެއްޖެހި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ގޯލް ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 34 ދުވަހެވެ.

މި މުބާރާތުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި 1-0 އިން ހާތާ ބާލިން އަތުން ޑޯޓްމަންޑް މޮޅުވިއިރު، މައިންޒް ވަނީ ރަށުން ބޭރުގައި 2-0 އިން އެއިންޓްރަކް ފްރެންކްފަޓް ބަލިކޮށްފައެވެ. ޕެޑަބޯންއާ ދެކޮޅަށް ލިޕްޒިގް ކުޅުނު މެޗު 1-1 އިން ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، ޑުސެލްޑޯފް ވަނީ 2-2 އިން ހޮފެންހައިމްއާ އެއްވަރުކޮށްފައެވެ.