English Edition
Dhivehi Edition
ވާޑާ ބްރޭމަންގެ ގޯލަށް އަމާޒުކޮށް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އޭޕީ

ޖަރުމަނު ބުންޑެސްލީގާގައި ރޭ ރަށުން ބޭރުގައި ވާޑާ ބްރޭމަން އަތުން 3-1 އިން ބަޔާން މިއުނިކް މޮޅުވިއިރު، އެ މެޗުގައި ޖެހި ގޯލާއެކު ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ލީގުގައި ދެވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

ރޭގެ ނަތީޖާއާއެކު ބަޔާން ވަނީ މިހާތަނަށް ކުޅުނު 25 މެޗުން 58 ޕޮއިންޓް ހަމަކޮށް، އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއްނަގާފައެވެ. ދެވަނައިގައި 24 މެޗުން ހޯދީ 53 ޕޮއިންޓާއެކު އާރްބީ ލީޕްޒިގު އޮތްއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ވުލްފްސްބާގް އެވެ. ހަތަރުވަނައިގައި އޮތް އެއިންޓްރަކްޓް ފްރޭންކްފާޓް އަށް 24 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

ބްރޭމަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ލެއޯން ގޮރެޓްޒްކާ އެ ޓީމަށް ލީޑްނަގައިދިންއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޖަރުމަނުގެ ހަލުވި ވިންގާ ސާޖް ނެބްރީ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ބަޔާންގެ މި ދެލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ތަޖުރިބާކާރު ކުޅުންތެރިޔާ ތޯމަސް މުލާ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ބަޔާންގެ ފޯވާޑް ލެވަންޑޯސްކީ ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، މެޗުގެ 67 ވަނަ މިނެޓުގައި ވައްދާލި ލަނޑާއެކު އޭނާ ވަނީ ލީގުގައި އެ ކްލަބަށް 268 ގޯލް ހަމަކޮށްފައެވެ. މި ގޯލާއެކު ލެވަންޑޯސްކީ ވަނީ ކުރީގެ ފޯވާޑް ކްލައުސް ފިޗާގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މިހާރު ލެވަންޑޯސްކީ އަށް ވުރެ ގިނައިން ޖަރުމަނު ލީގުގައި ގޯލްޖަހައިގެން ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ ކުރީގެ ފޯވާޑް ގާޑް މުލާ އެވެ. އޭނާ ވަނީ 365 ލަނޑު ޖަހާފައެވެ.

ރޭގެ މެޗުގައި ބްރޭމަން އިން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރުގް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމަންޑް އިން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ހާތާ ބާލިން އަތުން މޮޅުވެފައެވެ. ޑޯޓްމަންޑްގެ ލަނޑުތައް ޖަހައިދިނީ ހޫލިއަން ބްރެންޓް އާއި ޔޫސުފް މޫކޯކޯ އެވެ.

ޝާލްކޭ އަތުން 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ވުލްފްސްބާގް މޮޅުވިއިރު، މައިންޒް ވަނީ 1-0 އިން ފްރެއިބާގް ބަލިކޮށްފައެވެ.