ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ ލާޒިއޯ އަތުން ފަސޭހަކަމާއެކު 4-1 އިން ބަޔާން މިއުނިކް މޮޅުވިއިރު، ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫގެ ލަނޑުން ޗެލްސީން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.
ބަޔާނުން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކަކަށް ނުކުޅެވުމެވެ. އެ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ކޮރެންޓިން ޓޮލީސޯ އާއި ސާޖް ނެބްރީގެ އިތުރުން ޑަގްލަސް ކޮސްޓާ އަދި ދެވަނަ ކީޕަރު އެލެގްޒެންޑާ ނޫބެލް ހިމެނެއެވެ. މީގެއިތުރުން، އެ ޓީމުގެ އަބަދަށްފެހި މިޑްފީލްޑަރު ތޯމަސް މުލާ އާއި ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީވެ ރޭގެ މެޗުގައި ނުކުޅެއެވެ.
ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ފުރަތަމަ ފަހަރަށް ވާދަކުރި ލާޒިއޯ ކޮޅަށް ބަޔާނުން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑުޖަހާފައެވެ. ބަޔާނުން ލީޑްނެގީ ނުވަވަނަ މިނެޓުގައި ލާޒިއޯގެ ޑިފެންޑަރު މަޓެއޯ މުސާޗިއޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ވަނީ ބަޔާނަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ ދިން ރީތި ޕާހަކުން މުސިއާލާ ޖެހި ގޯލެކެވެ. އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ބަޔާންގެ ހަލުވި ވިންގާ ލެރޯއީ ސާނޭ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓްގައި ލާޒިއޯގެ ޑިފެންޑަރު ފްރާންސިސްކޯ އަސޭއަބީ އަތުން ބައިކޮޅަށް ވަތް ގޯލަކުން ބަޔާނުން ލީޑް އިތުރަށް ފުޅާކޮށްފައިވާއިރު، އޭގެ ދެ މިނެޓު ފަހުން ޔަކީން ކޮރޭއާ ވަނީ ލާޒިއޯ އަށް ފަރަގު ކުޑަކޮށްދީފައެވެ.
ރޭގެ މެޗުގައި ޖެހި ގޯލާއެކު ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް ތިންވަނަ އަށް އެންމެ ގިނަ ލަނޑުޖަހާފައިވާ ރެއާލް މެޑްރިޑް އަދި ޝާލްކޭގެ ފޯވާޑް ރައުލް ގޮންޒާލޭޒްގެ ރެކޯޑް މުގުރާލާފައެވެ. ރޭގެ މެޗުގައި ޖެހި ލަނޑާއެކި ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގައި 72 ގޯލް ހަމަކޮށްފައެވެ. މި މުބާރާތުގައި ލެވަންޑޯސްކީ އަށް ވުރެ ގިނައިން ލަނޑުޖަހާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ (134) އާއި ލިއޮނަލް މެސީ (119) އެވެ.
މީގެއިތުރުން، މި މެޗުގައި ބަޔާންގެ ދެވަނަ ގޯލު ޖެހި އުމުރުން 17 އަހަރުގެ މުސިއާލާ ވަނީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް ލަނޑުޖެހި އިނގިރޭސި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަދި އޭނާ އަކީ އެ ރެކޯޑް ގާއިމްކުރި ބަޔާންގެ އެންމެ ޒުވާން ކުޅުންތެރިޔާ ވެސް މެއެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުމަށް ހަމަޖެހިފައި އޮތް މެޗު ސްޕެއިނުގެ ސަރުކާރުން ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ މީހުންނަށް މިވަގުތު އެ ގައުމަށް އެތެރެވެވޭނެ ގޮތެއް ނެތުމުން އެ މެޗު ކުޅުނީ ރޫމޭނިއާގެ ނޭޝަނަލް އެރީނާގައެވެ.
މި މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޗެލްސީންނެވެ. އެކަމަކު މި މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. މި ހާފުގައި ޗެލްސީ އަށް ލީޑްނަގައިދިނުމަށް ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 68 ވަނަ މިނެޓުގައި އޯވަހެޑްކިކަކުން ކާމިޔާބުކުރީ ޖިރޫ އެވެ. މި ގޯލް ބަލައިގަންނަން ރެފްރީ ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ރެއާލް މެޑްރިޑުން ރަށުން ބޭރުގައި އެޓަލާންޓާއާ ދެކޮޅަށް ނިކުންނައިރު، މެންޗެސްޓާ ސިޓީ ނިކުންނާނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކްއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގައެވެ.