English Edition
Dhivehi Edition

ކަރަންޓީން ކުރަންޖެހޭ މީހުން، ގޭގޭގައި ކަރަންޓީންކުރުމުގެ ބަދަލުގައި ކަރަންޓީން ފެސްލިޓީތައް އިތުރުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމުގައި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެމްބަރު އިބްރާހީމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން މާލޭގައި ރަށަށް ނުދެވި ތާށިވެފައި ތިބި އައްޑޫ މީހުން ހޯމް ކަރަންޓީނަށް ފޮނުވަން ނިންމުމާއި ގުޅިގެންނެވެ. މާލެއިން އައްޑޫސިޓީއަށް މީހުން ގެނެސް ހޯމް ކަރަންޓީނަށް ފޮނުވާލާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މެމްބަރު ޝަރީފް ވިދާޅުވީ މިއީ ޝަކުވާ ބޮޑު މައްސަލައެއް ކަމަށެވެ. “އަޅުގަނޑުވެސް ގަބޫލުކުރަން މާލޭގައި ތާށިވެފައިތިބި އައްޑޫ ސިޓީ އަދި އެހެނިހެން ރަށްރަށުގެ މީހުންނަށްވެސް އެބުރި ވީހާވެސް އަވަހަކަށް އެމީހުންގެ ވަޒަނަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެކަން. އެކަމަކު އެކަން ކުރަންވާނީ ކަރަންޓީން ފެސްލިޓީތަކުގެ ޖާގަ އިތުރުކޮށްގެން” ޝަރީފް ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީވެސް ވަނީ މީހުން ދިރިއުޅޭ ގޭގޭގައި ކަރަންޓީން ކުރުމަކީ ބޮޑު ނުރައްކަލެއްކަމަށާއި އެކަމާއި ދެކޮޅު ކަމަށް ވިދާޅުވެފައެވެ.

އައްޑޫ އީއޯސީ އިން ބުނީ ކޮވިޑް 19 އާއި ގުޅިގެން މާލޭގައި ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންގެ ތެރެއިން އައްޑޫގައި ހޯމް ކަރަންޓީނަށް ފޮނުވާ މީހުން މާލެއިން ފުރުވާނީ ކޮވިޑަށް ޓެސްޓް ކޮށް ނަތީޖާ ލިބުމުން ކަމަށެވެ. އީއޯސީން ބުނީ ހޯމް ކަރަންޓީނަށް ފޮނުވަނީ އެޗްޕީއޭގެ ގައިޑްލައިން ގައި ވާ ގޮތަށް ވަކި ކަރަންޓީނު މިންގަނޑުތަކަށް ފެތޭ ތަނެއްތޯ ބެލުމަށް ފަހު ގައި ކަމަށެވެ. މި ގޮތުން ކަރަންޓީނު ކުރާ ގޭގައި ރިސްކު ކެޓަގަރީގެ މީހެއް ނެތުމާއި ކަރަންޓީނު ކުރެވޭ މީހާއަށް ޚާއްޞަ ވަކި ކޮޓަރިއަކާއި ވަކި ފާޚާނާއެއް އެގޭގައި ހުރުން ޝަރުތުކޮށްފައި ވެއެވެ.