English Edition
Dhivehi Edition

މިދިޔަ ހޯމަ ދުވަހުގެ ރޭ ޤާނޫނުއަސާސީ އިސްލާހުކުރަން ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޖިލީހުން ބޭރަށް ނެރުމުގެ ތެރޭގައި، އެމްޑީޕީ މެމްބަރުން ކޮށްފައިވާ މަސައްކަތަކީ ޖިނާއީ ކުށެއްކަމަށް މެމްބަރު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔަތުންގެ މަޖިލީހުގައި ހިގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މެމްބަރު ޝިޔާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި ސުޕްރީމް ކޯޓުގެ ލަފަ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް އެ އިސްލާހު ގެންނާތީ އެކަމާ ދެކޮޅަށް އޭނާ މަޖިލީހުގައި އަޑުއުފުއްލަވަން ފެއްޓެވުމުން އޭނާގެ ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެ އެންގެވުމަށް އޭނާ ތަބާނުވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެ، އޭނާ ތަޅުމުން ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ ނަޝީދު ކަމަށާއި އެއީ ވެސް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ

އިތުރަށް ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސް ކުރެއްވި ޣައިރު ގާނޫނީ އެންގެވުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއް ވަނީ އެޗްޕީއޭގެ އެންގުންތަކާއި އެ އޭޖެންސީގެ ގައިޑްލައިންތަކާ ޚިލާފުވެ، ގައިގޯޅިވެ، ގަޔަށް އަތްލައި އޭނާ މަޖިލީހުން ނެރުމަށް ކަމަށް ބުނެ ގިނަ ގުނަ އަނިޔާތަކެއް ކޮށްފައި ކަމަށެވެ. އަދި މި އަމަލަކީ ޖިނާއީ ކުށްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަން އިންސާފުވެރިކަމާ އެކު ފުލުހުން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މެމްބަރު ޝިޔާމްވަނީ ވިދާޅުވެފައެވެ.

މެމްބަރު ޝިޔާމް އަށް މަޖިލީހުގައި، އެމްޑީޕީ މެމްބަރުން ހަމަލާ ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް މިހާރު ފުލުހުން ފަށާފައިވާއިރު، އެ ހަމަނުޖެހުންތަކުގެ މައްސަލަ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.