English Edition
Dhivehi Edition

2019 ވަނަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް، ޒަކާތު ފައިސާ ބެހި މައްސަލާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މެމްބަރު ޝިޔާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މި އަހަރު އިސްލާމިކް މިނިސްޓްރީއިން ޒަކާތު ފައިސާ ބެހުމުގައި އަމަލުކޮށްފައިވަނީ އެ ފައިސާގެ ހައްގުވެރިންގެ ހައްގަށް އުނިކަން އަންނާނެ ގޮތަށްކަމަށާއި ނިމިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތު ފައިސާ ބެހުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ. އަދި ފިތުރު ޒަކާތް އޭގެ ހައްގުވެރިންނަށް އިންސާފުވެރި ކަމާއެކު ބެހުމަކީ އިސްލާމް ދީނުގައި ވަރަށް ބާރުއަޅާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން މެމްބަރު ޝިޔާން ވިދާޅުވީ 1440 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 1439 ވަނަ އަހަރުގެ ލިސްޓަށްކަމަށާއި އެހެންކަމުން މިމައްސަލަ އިސްކަމެއް ދީގެން ބައްލައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

މެމްބަރު ޝިޔާންގެ މިސިޓީ އާއި ގުޅިގެން މިއަދު ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކޮވިޑްގެ މިހާލަތާއި ގުޅިގެން ފަގީރުންގެ އަދަދު އިތުރުވެފައިވާކަމަށާއި އެހެންކަމުން މިއަހަރު ޒަކާތް ހައްގުވާ ފަރާތްތައްވަނީ ވަރަށް ބޮޑަށް ބަދަލުވެފައިކަމަށެވެ.

މިހާރު ފިތުރު ޒަކާތުގެ ފައިސާ ބަހާ ނިމިފައިވާއިރު މިއަހަރު ފިތުރު ޒަކާތަށް 6.6 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީންއިން ވަނީ ބުނެފަ އެވެ.