English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔާތީ، ހިތަދޫ ޕޯޓު ލިމިޓެޑް (އެޗްޕީއެލް) ގެ ވަޒީފާ އިން އެ ތަނުގެ މުވައްޒަފަކު ވަކިކުރި މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެ މުވައްޒަފު ވަޒީފާ އިން ވަކިކުރިކަން އަންގައި އޭނާ އަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއިކުރައްވައި ފުރަތަމަ ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް އޮތީ ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދެއްކުމެވެ. އެކަމަކު، ފަހުން އެ ސިޓީ އަނބުރާ ގެންގޮސް ދެން ފޮނުވި ސިޓީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނާ ބައި އުނިކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ މޭޔަރަކަށް ކުރިމަތިލައްވާފައިވާ ނިޒާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި ކަންބޮޑުވުން ފާޅުކުރައްވާ މަޝްވަރާކުރައްވާފަ އެވެ. އިތުރަށް ނިޒާރު ވިދާޅުވީ މި ސަރުކާރާއި އެމްޑީޕީ އަކީ އެގޮތަށް މީހުން ވަޒީފާ އިން ވަކިކުރުމާ ދެކޮޅު ބަޔަކަށް ވާއިރު، އެގޮތަށް އަމަލުކުރުމަކީ ދެރަ ކަމެއްކަމަށާއި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ ގޮތުން އެކި ފިކުރުގެ މީހުންނާ އެކު ކަމަށް ވާއިރު ސަރުކާރުގެ އެކި ކުންފުނިތަކުގައި ވެސް އެފަދަ މީހުން އެބަތިއްބެވިކަމަށެވެ. އެހެންކަމުން ވަކި ފިކުރަކަށް ތާއީދުކޮށް، ފާޑުކިޔައި ހިޔާލު ފާޅުކުރާ މީހުންގެ ވަޒީފާ ނުގެއްލޭނެ ކަމަށް ކުރިން ބުނެފައިވާއިރު މިހާރު އެ ވާހަކަތަކާއި އިދިކޮޅަށް އަމަލުކުރުމުން ނިޒާރުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މުވައްޒަފު ވަޒީފާއިން ވަކި ކުރި މައްސަލައިގައި އެމްޕީއެލްއަށްވެސް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު ޝާހިދު ރޭ ވިދާޅުވީ އެމުވައްޒަފު ވަޒީފާ އިން ވަކިކުރީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.