އައްޑޫސިޓީގެ މީދޫއާއި އިންވެގެން އޮތް 2.5 ކިލޯމީޓަރުގެ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތަށް ތަރައްގީކޮށް ހުޅޫމީދޫގެ އިގްތިޞާދަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެއްވައުދެވެ. 1800 ވަޒީފާއާއެކު 2018 ވަނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާ މި ރިސޯޓުގެ ވާހަކައަކީ ބިލާހެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އައްޑޫސިޓީއަށް ނިސްބަތްވާ ބައެއް މީހުންވެސް މިއީ ނުވާނެ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޖަހަމުންދާ ހަޖޫތައް މަދެއްނޫނެވެ. ނަމަވެސް ހަގީގަތަކީ ސަރުކާރުން ވައުދުވީފަދައިން ރިސޯޓުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމެވެ.
ސަރުކާރުން ކުރިއަށް ގެންދާ ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ދަށުން ފެށި މި މަޝްރޫއުގެ މަސައްކަތް މިހާރު މިވަނީ ފެށިފައެވެ. 31 ޖުލައިގައި ރަސްމީކޮށް ސައުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އިސްމެހެލާހެރަ ޕްރްޖެކްޓް ހަވާލުކުރުމާއެކު އެކުންފުނިން ރަށާ ހަވާލުވެ ، ހަލުވި ސްޕީޑެއްގައި މަޝްރޫއު މަސައްކަތް މިވަނީ ފަށާފައެވެ.
3 ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ 3 ތަރީގެ މި ހޮޓަލުުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުޅަދާނަ އަދި ހުނަރުވެރި އައްޑޫއަށް ނިސްބަތްވާ ވެރިއެއްގެ ދަށުންނެވެ. މީގެ ކުރިން ހެރެތެރެ އައިލެންޓް ރިސޯޓުގައި ޖީއެމް އަކަށް ހުންނެވި މޫސާ ދައްޔާންގެ މޭސްތިރިކަމުގެ ދަށުން 12 ދިވެހި މުވައްޒަފުން މިހާރުވެސް މިތަނުގައި މަސައްކަތް ކުރެއެވެ.
މީދޫގެ ޗެނަލުން ކުޑަ ބޮއްކުރައެއްގައި ގޮސް އެރަށަށް އެރުމުން ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. ރިސޯޓްގެ މަސައްކަތް އިއުލާން ކުރިތާ ގިނަ ދުވަސްތަކެއް ވީއިރުވެސް މަސައްކަތް ނުފަށާކަމަށް މީހުން ދައްކަމުން ދިޔަ ވާހަކަތަކުގެ އަސްލު ހަގީގަތް ލޯމަތިން އޮތީ ހާމައަށް ފެންނާށެވެ. އިންޖީނު ދޯންޏަކުން ރަށަށް ބޭނުންވާ ސަޕްލައި ގެނެސް ބާލާތަން ފެނުނެވެ. މުވައްޒަފުންނާ ސުވާލުކޮށްލުމުން ބުނީ އެއީ ރިސޯޓު އޯނަރުގެ އަމިއްލަ ސަޕްލައި ދޯނި ކަމަށެވެ. އަދި އިތުރު ލޯންޗެއްވެސް ވަރަށް އަވަަހަށް އަންނާނެކަމަށާއި މަސައްކަތަށް ބޭނުންވާ ސާމާނާއި މުވައްޒަފުން އައިސް ގޮސް އުޅުމުގައި މިހާރުވެސް ދަތިތަކެއް ނެތް ކަމަށެވެ.
މީގެ ކުރިން ގަސް ބޯވެ ޖަންގައްޔެއްހެން ހެދިފައިވާ މި ރަށްވަނީ ސާފުކޮށް ރީތިކޮށްފައެވެ. ފަސޭހަކަމާއެކު ހިނގާލެވޭނެ މަގުތަކެއް ވަނީ ހަދާފައެވެ. 24 ގަޑި އިރުގެ ކަރަންޓު ލިބެން އޮތެވެ. ކުންފުނީގެ އަމިއްލަ ޖަނަރޭޓަރުން ކަރަންޓް ދީ ރަށް އަލިކޮށްފައިވާއިރު ފަސޭހަ ކަަމާއެކު މަސައްކަތް ކުރެވޭނެ އޮފީސް އިމާރާތެއް ހުއްޓެވެ. އިންޓަނެޓްގެ ޚިދުމަތް ލިބެއެވެ. ސްޓާފު ކެންޓީނެއްގެ އިތުރުން ސްޓާފުންނަށް ވަގުތީ ބޯހިޔާ ހަދާފައި ހުއްޓެވެ. ފެންވެރުމާއި ކެއުން ބުއިމުގެ ޚިދުމަތް ދަތިކަމެއް ނެތި ލިބެން ހުއްޓެވެ. ރިސޯޓު އޯނަރ މޫސަ ދިރިއުޅުއްވަނީ ވެސް އިސްމެހެލާ ހެރައިގައެވެ.
“ރާއްޖޭގެ މީޑިއާއަކުން މިތަނުގެ މަސައްކަތް ފެށުނު ވާހަކައެއް ގެނެސް ނުދޭ. މީހުން ގަބޫލެއް ނުކުރޭ މަސައްކަތް ކުރިއަށް ދާކަމަށް ބުންޏަސް” މުވައްޒަފުންގެ ޝަކުވާއަކީ އެއީއެވެ. ހަލުވި ކަމާއެކު ކުރިއަށްދާ މަސައްކަތުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ހިތްމަރުވާފަދަ ވާހަކަތައް މިޑިއާތަކުން ގެނެސްދޭތީއެވެ.
އިސްމެހެލާހެރައިގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް ދާއިރު މިވަގުތު ސާމްޕަލް ރޫމް ހެދުމަށް ބޭނުންވާ ގާ އެޅުމުގެ މަސައްކަތް ކުރިއަށް ދާތަންފެނުނެވެ.
ރީތި ބީޗެއް ލިބިފައިވާ އިސްމެހެލާހެރައިގެ މަސައްކަތަށް ބޭނުންވާ ސޭންޑް ބާޖް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެރަށަށް ގެނެވޭވަރު ވާނެކަމަށް މެނޭޖްމަންޓުން ވަނީ ބުނެފައެވެ. އެއާއެކު 300 ފޫޓަށް ބީޗް ފުޅާކޮށް ބީޗް ހެދުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
އެރަށުގައި އަމިއްލަ ބަޔަކު މީގެ ކުރިން ހަދާފައިވާ މިސްކިތަކާއި ވަޅެއްވެސް ހުއްޓެވެ. މިސްކިތް އިތުރަށް ބޮޑުކޮށް އަލުން މަރާމާތުކޮށްގެން އެމިސްކިތުގެ ބޭނުންކުރާނެ ކަމަށް މެނޭޖްމަންޓުން ބުނެއެވެ. ފެންނެގުމަށް ބޭނުންކުރާ ޕަމްޕުހޮޅިތައް ވެސް ގުޅާފައިހުރީ ހަމަ އެތަނުގައި މީގެ ކުރިން ހުރި ވަޅުގައެވެ.
ރީތި ބޮޑު 2 ކުޅިއެއް އޮތް އިސްމެހެލާހެރައިގެ ޕްރޮޖެކްޓް ނިންމާލެވޭއިރު އެތަނުގައި ހުންނަ ސްޕާ ކުޅީގެ ތެރޭގައި އަޅާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށާ ކައިރީގައި އޮތްް އެރަށުގެ އެއްބައި ކަމަށްވާ ކެޑެވާހެރަ އާއި ކުޑަ ބްރިޖަކުން ގުޅުވާލާ އެއީ ވީއައިޕީ އޭރިއާއެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
30 ވޯޓާ ވިލާއާާއި 70 ބީޗް ވިލާއާއެކު އިސްމެހެލާހެރަ އައިލެންޑް އެންޑް ސްޕާގެ ފުރަތަމަ ފޭސްގެ މަސަައްކަތް ތައް ނިންމާލެވޭއިރު މިއީ ހުޅުމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަން ޔަގީނެވެ. ހުވަފެން ހަގީގަތަކަށް ވެ ނިމިގެންދާ ކަށް މާގިނަ ދުވަހެއް ނެތެވެ! ރިސޯޓުގެ މެނޭޖްމަންޓްގެ ޓާގެޓަކީ 2018 ވަނަ އަހަރުގެ އޮގަސްޓްމަހު ރިސޯޓު ހުޅުވުމެވެ.!