އައްޑޫސިޓީގެ މީދޫ އާއި އިންވެގެން އޮތް 1.2 ކިލޯމީޓަރުގެ އިސްމެހެލާ ހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ދޮރޯއްޓެއް އައްޑޫގައި ހުޅުވާލާއިރު އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ތަނުގެ މެނޭޖްމަންޓެވެ. މުޅިން ވެސް ދިވެހިން ހިމެނޭ ދިވެހި މެނޭޖްމަންޓަކާއެކު “ސައުތުޕާމް ރިސޯޓް މޯލްޑިވްސް” ހުޅުވި ފަތުރުވެރިންނަށް ޚިދުމަތް ދޭން ފަށަނީ ދިވެހި މުވައްޒަފުންނާއެކުގައެވެ. ތަނުގެ ހުރިހާ މުވައްޒަފުންނަށް ބަލާލާއިރު ގިނައީ އައްޑޫސިޓީއަށް ނިސްބަތްވާ ފަރާތްތަކެވެ. އަދި އަލަށް މުވައްޒަފުން އިތުރު ކުރާއިރު ވެސް މެނޭޖްމަންޓުގެ ވިސްނުން ހުރީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަށެވެ. ވަކިން ޚާއްޞަކޮށް އައްޑޫގެ ޒުވާނުންނަށެވެ.
އިސްމެހެލާ ހެރައިން ސައުތުޕާމް ރިސޯޓް މޯލްޑިވްސް އަށް އެރަށް ބަދަލުވެފައިވާ އިރު އެ ރަށަކީ މީގެ ކުރިން މީދޫގެ ރައްޔިތުން ދަތުރުދިއުން ފަދަ ކަންތައްތަކުގައި ބޭނުންކުރި ފަޅު ރަށެކެވެ. ނަމަވެސް އިސްމެހެލާހެރަ މިހާރު އެވަނީ ޒަމާނީ ފެންވަރުގެ ޚިދުމަތް ތައް ދެވޭ ފުރިހަމަ ރިސޯޓަކަށް ބަދަލުވެފައެވެ. މޫދަށް އެރިލާނެ ރީތި ބީޗެއް ނެތް އެރަށުގައި މިހާރު އެވަނީ ފެންވަރުގެ ބޮޑު ބީޗެއް ހަދާ ނިންމާފައެވެ. މީދޫގެ ފަޅަށް ވަދެގެން އަންނައިރު ފެނިގެންދަނީ ފައްކާވަމުން އަންނަ ފުރިހަމަ ރީތި ރިސޯޓެކެވެ. އައްޑޫގެ ގިނަ ބަޔަކު އެކަމަށް އެދިއެދި ތިބި ހުވަފެން އެވަނީ ފުރިހަމަ ވެފައެވެ. ރިސޯޓުގެ މަސައްކަތް އެކީ ނިމި އެތަނަށް ގަވާއިދުން ފަތުރުވެރިން އަންނަން ފަށާހިސާބުން މީދޫ އަދި ހުޅުދޫގެ ރައްޔިތުންނަށް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ނަފާވާނެ ކަން އެ ދެރަށުގެ ރައްޔިތުންނަށް އެނގެއެވެ.
3 ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ މި ރިސޯޓަކީ ސައުތު ޕާމް މޯލްޑިވްސް އިން އައްޑޫގައި ތަރައްގީކުރާ ރިސޯޓެކެވެ. އިބްރާހިމް ސަލީމް ( ބަންދު ސަލީމް) އާއި މޫސާ ދީދީ ގެ މި ކުންފުނިން ރަށާ ހަވާލުވެ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ މެދު ތެރޭގައެވެ. މަސައްކަތަށް ފުރިހަމަ 2 އަހަރު ފުރިގެން ދާއިރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގާތްގަނޑަކަށްހެން މިހާރުވަނީ ނިމި ޒަމާނީ ފެންވަރުގެ ރިސޯޓަކަށް ބަދަލުވެފައެވެ. ބީޗް ވިލާތަކާއި ފެމެލީ ވިލާ، ސަންރައިޒް ވިލާ، ވޯޓަރ ވިލާ، ޕާމް ވިލާ، އޯވަރ ވޯޓަރ ޕޫލް ވިލާގެ ކޮޓަރިތައް އެދަނީ ނިމެމުންނެވެ. 6 ކެޓަގަރީއެއްގެ ކޮޓަރިތައް އެ ރަށުގައި ހަދާފައިވާއިރު ޑައިވް ސެންޓަރަކާއި ޖިމް އަދި ކުލިނިކާއި ގެސްޓް ޝޮޕް ވަނީ އެއްކޮށް ނިމިތަނަށް ސާމާނު ލާން ފަށާފައެވެ. އެރަށުގައި ކުރިންވެސް މިސްކިތެއް ހުރި ތަނުގައި ފެންވަރުގެ ޒަމާނީ މިސްކިތެއް ވަނީ ހަދާފައެވެ.
މުޅިން ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ ރެސްޓޯރެންޓާއި މޫދު ބަރ ގެ މަސައްކަތް ފުރިހަމައެވެ. އަދި ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވެނީ އެތަނުގައި ހަދާފައިވާ ތިމާވެއްޓާ ރައްޓެހި ސްޕާއެވެ. މި ސްޕާ ހަދާފައިވަނީ ރަށުގައި އޮތް ބޮޑު ކުޅި ސާފުކޮށް އޭގެ ތެރެއިން ދެވޭ ގޮތަށް ފްލޯޓިން ރޫމް ތަކާއެކުގައެވެ. އެރަށުގައި އެންމެ ހިތްގައިމު ތަނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްތަނަކަށް “ކުރުނބާ ސްޕާ” ވެގެން ދާނެއެވެ.
ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި ރިސޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ 130 ކޮޓަރީގެ ތެރެއިން 60 ކޮޓަރީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ސައުތު ޕާމް ރިސޯޓު ހުޅުވޭ އިރު ދިވެހިންނަށް ޚާއްޞަ ޕެކޭޖް ތަކެއް ވެސް ހުންނާނެ ކަމަށް ތަނުގެ މެނޭޖްމަންޓުން ބުނެއެވެ.
” މި ތަން ވާނީ އާންމުންނާ ގާތް ގުޅުމެއް އޮންނަ ރައްޓެހި ތަނެއްގެ ގޮތުގައި. ލޯކަލްސް އަށް އަތްފޯރާ ފަދަ ރަނގަޅު އަގެއްގައި މިތަނުގައި ތިބެވޭނެ. ވަރަށް އަވަހަށް އަގުތައް ހާމަކުރާނެ” ސައުތު ޕާމް މޯލްޑިވްސް ގެ ސީއީއޯ މޫސާ ދައްޔާނު ވިދާޅުވިއެވެ.
މީގެ ކުރިން ހެރެތެރެ ރިސޯޓުގައި ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި މޫސަ މަސައްކަތް ކުރެއްވެވި އިރުގައި އެތަނުން ވެސް ދިވެހިންނަށް ޚާއްޞަ ހެޔޮ އަގުތަކެއްގައި ތިބެވޭނެ ތަފާތު ޕެކޭޖްތައް ވަނީ ތައާރަފް ކޮށް ދިވެހިންނަށް ހުޅުވާލާފައެވެ. އަދި ވަކިން ޚާއްޞަކޮށް ތަނުގެ މުވައްޒަފުންގެ އާއިލާތަކަށް ބާއްވާ އާއިލީ ހަވީރުފަދަ ޕްރޮގްރާމު ތަކުން އާންމުންނާ ގުޅުން ބޮޑު ތަނަކަށް އެ ތަން ވެސް އޭރު ވެގެން ދިޔައެވެ.
މޫސަ ވިދާޅުވީ ސައުތު ޕާމް ރިސޯޓަކީ ވެސް އެފަދަ އިވެންޓްތައް ބޭއްވޭ އާންމުންނާ ގާތް ތަނަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން ކޮންފަރެންސް އާއި ބޮޑެތި އިވެންޓްސް ތައް ބޭއްވޭނެ ހޯލެއްވެސް ވަރަށް އަވަހަށް ހެދިގެން ދާނެ ކަމަށާއި ރިސޯޓުގެ ގްރޭންޑް އޮޕަނިން ބާއްވާއިރު ހުރިހާ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
ގިނަ ދިވެހިން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ މި ރިސޯޓުގައި 150 މުވައްޒަފުން އެބަތިއްބެވެ. އަދި މިވަގުތުވެސް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ތަނުގެ މަސައްކަތް ފުރިހަމަވެ އޮޕަރޭޝަންސް ފަށާއިރު 600 މުވައްޒަފުން ތަނުގައި ތިބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ގެ ނަމުގައި އައްޑޫގައި މުޅިން އާ ރިސޯޓެއް ހުޅުވޭއިރު މިހާރުވެސް އިތުރު 3 ރިސޯޓް އައްޑޫގައި އޮވެއެވެ. އެއީ ޝަންގްރިއްލާ މޯލްޑިވްސް އާއި ކެނެރީފް ރިސޯޓް މޯލްޑިވްސް ގެ އިތުރުން އީކުއޭޓަރ ވިލެޖްއެވެ.