English Edition
Dhivehi Edition
ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އައްޑޫގައި އަލަށް ތަރައްގީކުރަމުން އަންނަ އިސްމެހެލާހެރަ ރިސޯޓް : ފޮޓޯ ޔާމީން/ އޭއޯ ނިއުސް

ސައުތުޕާމް މޯލްޑިވްސް އިން އައްޑޫސިޓީގެ މީދޫގައި ތަރައްގީ ކުރާ އިސްމެހެލާ ހެރަ ރިސޯޓުގެ ވަޒީފާތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ޑިސެމްބަރު މަހު މުޅިން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ މި ރިސޯޓަށް 7 ދާއިރާއަކުން މުވައްޒަފުން ބޭނުންވާ ކަމަށާއި މަސައްކަތުގެ ތަޖުރިބާހުރި މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ރިސޯޓުން ބުނެއެވެ.

މިގޮތުން މިވަގުތަށް ރިސޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ މޭސަން، ޕްލަމްބަރ، ލޭބަރ، އިލެކްޓްރިޝިއަން، ކާޕެންޓަރ، ޕެއިންޓަރ، އަދި ގާޑްނާރ އެވެ. މި ވަޒީފާތަކަށް ގާތްގަނޑަކަށް 80 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ސައުތުޕާމް މޯލްޑިވްސް އިން ބުނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ރެކްރޫޓްމެންޓް އޮޕަން ޑޭ އެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި ޕްރޮގްރާމު ކުރިއަށް ދާނީ 7 އަދި 8 މި ދެދުވަހުގެ ހެނދުނު 9 ގަޑި ސުން މިނެޓް އިން ހަވީރު 6 ޖަހަން ދެން ކަމަށާއި ޕްރޮގްރާމު އޮންނާނީ ފޭދޫ ލިންކްރޯޑުގައި ހުންނަ އެކުންފުނީގެ ހެޑް އޮފީހުގައި ކަމަށް ވެސް ސައުތުޕާމް އިން ބުނެއެވެ. މި ޕްރޮގްރާމު ކުރިއަށް ދާ ގަޑިތަކުގައި ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތަކުން އެފަރާތްތަކުގެ ސީވީ [email protected] އަށް ފޮނުވުމަށް އެދޭ ކަމަށް އެކުންފުނިން ބުނެއެވެ.

އިސްމެހެލާ ހެރައިގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ފަށައިގެން ކުރިއަށް ދާއިރު ފުރަތަމަ ފޭސްގައި ހަތަރު ތަރީގެ 130 ވިލާ ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ފޭސްގައި ފަސްތަރީގެ 110 ވިލާ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ސައުތުޕާމް އިން ބުނީ ރިސޯޓުގެ ފުރަތަމަ ފޭސް ޑިވެލޮމްމަންޓް އޮޕަރޭޝަން އަންނަ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހަށް އެއްކޮށް ނިމިގެންދާނެ ކަމަށެވެ.