English Edition
Dhivehi Edition

އައްޑޫސިޓީގެ މީދޫ އާއި އިންވެގެން އޮތް އިސްމެހެލާ ހެރަ ރިސޯޓެއްގެ ގޮތުގައި ހެދުމަށް މީގެ 2 އަހަރު ކުރިން، ސައުތުޕާމް މޯލްޑިވްސްއިން އެރަށަށް އަރައި މަސައްކަތް ފެށުމުން ގިނަ ބަޔަކަށް އެކަން ވެގެން ދިޔައީ ބޮޑު ޖޯކަކަށެވެ. މި ރިސޯޓުގެ ވާހަކައަކީ ބިލާހެއްކަމަށް ގިނަ ފަރާތްތަކުން ބުނަމުން ދިޔަ އިރު، އައްޑޫސިޓީއަށް ނިސްބަތްވާ ބައެއް މީހުންވެސް މިއީ ނުވާނެ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދިޔައީ ހަޖޫ ޖަހަމުންނެވެ.

މޫސާ ދީދީ އާއި އިބްރާހިމް ސަލީމް (ބަންދު ސަލީމް) ގެ މޭސްތިރިކަމުގެ ދަށުން ، 12 ދިވެހި މުވައްޒަފުން އެރަށުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ރަށަށް އެރި ވާހަކަ “އޭއޯ ނިއުސް” ގައި ލިޔުމުން ކިޔުންތެރިން ޖޯކު ޖެހީ ރިޕޯޓު ލިޔުނު ފަރާތަށެވެ. އެންމެ 12 މީހުންނާއެކު ރިސޯޓެއް ހަދަން ފެށި ވާހަކަ އެއީ ގަރުނުގެ ބޮޑު ޖޯކަކަށް ހަދައިގެން ދެއްކި މީހުން މަދެއް ނޫނެވެ. ކަތިވަޅި އަކާއި ބަރޯ އަދި ފެން ހަމެއް ހިފައިގެން ބަޔަކު ރިސޯޓެއް ހެދި ވާހަކަ އަޑު އެހި ފުރަތަމަ ފަހަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަޖޫޖެހިއެވެ. ނަމަވެސް އޭރު އެތަނުގައި ކުރަން ޖެހޭ މަސައްކަތަށް ބޭނުންވަނީ އެ އަދަދަށް މީހުން ކަމަށާއި މުވައްޒަފުން އިތުރުކުރަމުން ގެންދާނީ މަސައްކަތް ކުރިއަށް ދާ މިންވަރަކުން ކަމަށް ސާބިތު ކަމާއެކު މޫސަ ދިޔައީ ވިދާޅުވަމުންނެވެ. އަދި އިސްމެހެލާ ހެރަ ރިސޯޓެއްގެ ގޮތުގައި ހެދި އައްޑޫއަށް ނަފާ ވާނެ ދުވަސް މާގިނަ ދުވަހެއް ނުވެ ފެނިގެންދާނެ ކަމަށް މޫސަ އަދި ޓީމުން ދިޔައީ ބުނަމުންނެވެ.

އޭރު 12 މުވައްޒަފުންނާއެކު މަސައްކަތް ފެށި ނަމަވެސް އިސްމެހެލާ ހެރައިގެ މަސައްކަތް ނިމި “ސައުތު ޕާމް ރިސޯޓު މޯލްޑިވްސް ” ގެ ނަމަށް ރީބްރޭންޑްކޮށް ފަތުރުވެރިންނަށް ހުޅުވާލާއިރު ރިސޯޓުގައި މިވަގުތުވެސް 150 މުވައްޒަފުން އެބަތިއްބެވެ. އަދި އިތުރަށް މުވައްޒަފުން ބޭނުންވެގެން ވަނީ އިއުލާން ވެސް ކޮށްފައެވެ. މިހާރުވެސް ވަޒީފާ ބޭނުންވެގެން އައްޑޫގެ ގިނަ ޒުވާނުން ގެންދަނީ އެތަނުގެ ވަޒީފާތަކަށް ކުރިމަތި ލަމުންނެވެ. ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން އެތަނަށް ފަތުރުވެރިން އަންނަން ފަށާނެއެވެ. އެހާ ހިސާބަށް މުޅިތަން ވަނީ ނިމި އޮޕަރޭޝަނަށް ފުރިހަމަ އަށް ތައްޔާރުވެފައެވެ.

ތަފާތު އެކި ތާރީޚު ތަކުގައި ރިސޯޓު ހުޅުވުމަށް ސައުތު ޕާމް މޯލްޑިވްސްގެ ޓީމުން ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ އިރު ތަފާތު އެކި ޓެކްނިކަލް މައްސަލަތައް ދިމާވެ ކަނޑައެޅުނު ގިނަ ތާރީޚު ތައް ފަސްވެގެން ދިޔައެވެ. ނަމަވެސް ކުންފުނީގެ ސީއީއޯ މޫސަ ގެ ޖަވާބު ވަރަށް ޕޮޒިޓިވް އެވެ.

“މަސައްކަތް ކުރާއިރު ޑިލޭތައް އަންނާނެ. ޓެކްނިކަލް އިޝޫތަކާ ވެސް ދިމާވާނެ. ޓީމުން މިދަނީ ބުރަކޮށް މަސައްކަތް ކުރަމުން. ވަރަށް އަވަހަށް ރިސޯޓް ހުޅުވޭނެ” މޫސަގެ ޖަވާބަކީ އެއީ އެވެ.

ސައުތުޕާމް ރިސޯޓް މޯލްޑިވްސް އަކީ އައްޑޫސިޓީގެ މީދޫއާއި އިންވެގެން އޮތް 1.2 ކިލޯމީޓަރުގެ ރަށެކެވެ. 30 ވޯޓާ ވިލާއާއި 60 ބީޗް ވިލާ އަދި 40 އޯޝަން ވިލާ އާއެކު ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ގެ ފުރަތަމަ ފޭސްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މި ރިސޯޓުގެ މަސައްކަތް އެކީގައި ނިމިގެންދާއިރު 600 މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިތަނުގެ 60 ރޫމް މިހާރުވެސް ވަނީ ވިއްކާލާފައެވެ. ޔޫރަޕްގެ ޗާޓަރ ފްލައިޓެއް ގެސްޓުން ގޮވައިގެން އައްޑޫ އަށް އައުމަށް އޮތީ ތައްޔާރަށެވެ.

ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ވެގެން ދާނީ އައްޑޫގެ ފަތުރުވެރިކަން މެކުހަށް ޖަހާލައި އައްޑޫގެ ގިނަ ޒުވާނުންތަކަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އައްޑޫގެ އިގްތިޞާދަށް ހީނުކުރާހައި ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ތަނެއް ކަމަށް މިހާރު އައްޑޫގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ!

2 ކޮމެންޓް
Hassan
ނޮވެމްބަރު 11, 2019
I have applied for that resort for a waiter job. But still didn't contact so still job less . So how can we believe that this resort will change our lifestyle
Mary
ނޮވެމްބަރު 11, 2019
Mee addu ge tharaggee ah edigen ey warah bonda heu faalah.sounth parm resortah kuri erumaai heu goh edhen