English Edition
Dhivehi Edition
ޝަހޫ އަދި ޓޮމް

ޗުއްޓީއަށް ރަށަށް އަންނަ ބައްޕައަކު ވިސްނުމެއް ފިކުރެއްނެތި ހެދިފައިވާ ޤަވާއިދުތައް ހަނދާން ނައްތާލާ ގެއަށްއައިސް އަނބިދަރީންނާއެކު އުޅުމުގެ ސަބަބުން ދިމާވި ހިތްދަތި ޙާދިސާއެއް ދައްކުވައިދޭ މިކުރު ޑްރާމާއަކީ އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ސޯޝަލް ސަޕޯޓް ޑެސްކްތަކާއި އައްޑޫސިޓީ ޕޮލިސް އަދި އައްޑޫސިޓީގެ ސިއްޙީ އިދާރާ ތައް ގުޅިގެން އޭއޯ އިން މުޅިން އަލަށް ފަށާ ސިލްސިލާ ޑްރާމާ ތަކެއްގެ ފެށުމެވެ.

 

އޭއޯ ނިއުސްގެ އަހަރީ ދުވަސް ކަމަށްވާ އޭޕްރީލް 24 ގައި ފެށި ޔޫޓިއުބް ޗެނަލްގެ ޚިދުމަތާއެކު އެޗެނަލުން ދަނީ މިފަދަ ގިނަ ޕްރޮގްރާމް ތަކެއް ޢާއްމުންނާ ހަމަޔަށް ފޯރުކޮށްދެމުންނެވެ.

މިއަދު ރިލީޒް ކުރެވުނު ލޯބިވިއަސް ޑްރާމާގައި ލީޑް ރޯލުން ފެނިގެންދަނީ ދިވެހި ފިލްމު ތައް ކުޅެ މަޝްހޫރުކަން ހޯއްދަވާފައިވާ އައްޑޫސިޓީގެ ފިލްމީތަރި ޝަހުޒާ ޙުސެއިން(ޝަހޫ) އާއި އޭނާގެ ފިރިކަލުން އަޙްމަދު އަމަން އަލީ(ޓޮމް) އެވެ. މިޑްރާމާގައި ކުޑަކުއްޖެއްގެ ރޯލް އަދާކުރީ ސ.އަތޮޅު މަދަރްސާގެ ދަރިވަރު އަޙްމަދު އަޔާން މުޙައްމަދެވެ. ވާހަކަ ލިއުންތެރިޔާ އަދި އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދުގެ ސްކްރިޕްޓަކަށް ޑްރާމާގެ ބަތޮލް ޓޮމް ޑައިރެކްޓް ކުރި މިޑްރާމާގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވަނީ އައްޑޫސިޓީ ހުޅުމީދޫގައެވެ.

 

ކޮވިޑް 19 އިން ރައްކާތެރި ވުމަށް ނަގަންޖެހޭ ފަރްދީ ޒިއްމާތަކާއި ،ސަމާލުވާންވީ ކަންތައް ތަކާއި އިހްމާލު ވުންތަކުގެ މައްޗަށް މިސިލްސިލާގެ ކުރިއަށްހުރި އެޕިސޯޑްތަކުގައި ރީތި ޑްރާމާތަކެއް ބެލުންތެރިންނަށް ގެނެސްދޭން އޭއޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭއޯގެ އުއްމީދަކީ މިޑްރާމާއިން ޢިބްރަތެއް ޙާސިލް ވެގެން ދިއުމާއެކު ބެލުންތެރިންނަށް ކަމުދިޔަ އުފެއްދުމަކަށް މި ޑްރާމާ ވެގެންދިއުމެވެ.