އިންޑިއާގެ ޓީވީތަރި ނީޝާ ރަވަލް އަށް އަނިޔާ ނުކުރާކަމަށް އޭނާގެ ކުރީގެ ފިރިމީހާ ކަރަން މެހްރާ ބުނެފިއެވެ.
ނީޝާގައިގައި ޖެހިކަމަށް ދައްކާވާހަކަ ދޮގު ކުރަމުން ކަރަން ބުނެފައިވަނީ ނީޝާއާއި ޒުވާބުކުރި ކަމަށާއި އެހެން ނަމަވެސް އެދުވަހު އޭނާ އަމިއްލައަށް ފާރުގައި ބޯޖަހައި ފަޅައިގެން ދިޔުމުން އަނިޔާކުރި ކަމަށް ބުނެ ފަތުރަނީ ދޮގުވާހަކަތަކެއް ކަމަށެވެ.
މިދެތަރިންގެ 8 އަހަރުވީ ކައިވެނީގައި މައްސަލަތައް ޖެހި މީގެ ދުވަސްކޮޅެއްކުރިން ވަނީ ވަރިވެފައެވެ. ވަރިވުމަށްފަހު ޖެހުނު މައްސަލައެއްގައި ކަރަން ނީޝާ ކޮށްޕާލުމުން ފާރުގައި ބޯޖެހި ފަޅައިގެންގޮސް ފައިވާ ކަމަށް ބުނެ ކަރަންގޮވައިގެން ނީޝާވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުން މީގެ ދެދުވަސް ކުރިން ކަރަން ހައްޔަރުކުރިނަމަވެސް މިހާރުވަނީ ދޫކޮށްލާފައެވެ.
ނީޝާ ކޯޓުން ނިކުމެގެން އައިސް ނޫސްވެރިންނަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ކަރަންއާއި އޭނާގެ ކައިވެނި ކުރެވުނު އިރުންފެށިގެން ތަފާތު މައްސަލަތަށް ދެމީހުންގެ މެދުގައި ޖެހެންފެށިކަމަށާއި، މިހާރު ޖެހިގެން އުޅޭމައްސަލައަކީ ކަރަން އެހެން ލޯބިވެރިޔެއް ގެންގުޅުން ކަމަށެވެ. ނީޝާބުނީ ކަރަންގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށުމާއެކު އޭނައަށް ކަރަން އެހެން މީހަކާއި ގުޅިގެން އުޅޭކަން އެނގުމުން ސުވާލުކުރުމުން އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ދެމީހުން ވާހަކަދައްކައިގެން ދަރިފުޅަށް ޓަކައި މައްސަލަ ހައްލުކޮށް އެކީގައި އުޅެން ބޭނުން ކަމަށް ބުނުމުންވެސް ކަރަން އެކަމަށް އިންކާރުކޮށް ދެމީހުންގެ ދެމެދުގައި އިތުރަށް ރުޅިވެރިކަން އުފެދި ކަރަން ނީޝާއަށް އަނިޔާކުރިކަމަށް އޭނާބުންޏެވެ.
އިތުރަށް ނީޝާބުނީ ދެމީހުންގެ މައްސަލަ ހައްލުނުވާނެކަން އެނގުމުން އެހާހިސާބުން އޭނާ މައިންބަފައިންގާތަށް ފުރައިގެން ދިޔަކަމަށެވެ. އަދި އެގޮތަށް ކަންތައް ނިންމީ ދަރިފުޅުގެ ސަލާމަތަށް ބަލައި އެފަދަ މައްސަލަތަކާ ދަރިފުޅު ދުރުކުރުމަށް ކަމަށެވެ.
މިދެތަރިންގެ މައްސަލައިގައި ސޯޝަލްމީޑިއާގައި ތަފާތު ގޮތްގޮތަށް ބަހުސް ކުރަމުން އެބަދެއެވެ. އެގޮތުން ބައެއްމީހުން ބުނަނީ ކަރަން ދޮގުނަހަދާނެކަމަށާއި އަނިޔާކުރި ކަމަށް ބުނާވާހަކަ އަކީ ނީޝާ ކަރަން ބަދުނާމުކުރަން ދައްކާ ފޭކް ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް ފިލްމީތަރި ކަޝްމޭރާވެސް ވަނީ ނީޝާގައިގައި ކަރަން ޖެހިކަމަށްބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފައެވެ.
ނީޝާއާއި ކަރަން ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މި ދެތަރިންގެ ކައިވެންޏަށް 8އަހަރު ވީ އިރު ވަނީ ފިރިހެން ކުއްޖަކުލިބިފައެވެ. ޓީވީ ތަރި ކަރަން މަޝްހޫރުވެގެން ގޮސްފައިވަނީ ސްޓާޕްލަސް އިން ދައްކަމުން އަންނަ ޑްރާމާ ޔޭރިޝްތާ ކިޔާ ކެހެލާތާހޭ އިންނެވެ.