English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ބްރެޒިލުން ޕޮޒިޓިވްވި މީހުންގެ އަދަދު 500،000 އަށް އަރައިފިއެވެ.

އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބްރެޒިލުން ގާތްގަނޑަކަށް 16،409 މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 480 މީހުން ވަނީ މަރުވެފައެވެ. މިއާއެކު، އެ ގައުމުން މިހާތަނަށް ގާތްގަނޑަކަށް 30،000 މީހުން މަރުވެފައިވާއިރު، ބަލިޖެހުނު މީހުންގެ އަދަދަކީ 514،849 އެވެ.

ބްރެޒިލްގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (ޕީއޭއެޗްއޯ)ގެ ޑައިރެކްޓަރ ޑރ. ކަރީސާ އެޓިއެން ވަނީ އެމެރިކާ ބައްރަކީ މިހާރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދުގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

އެމެރިކާ އަށް ފަހު މުޅި ދުނިޔޭން ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ދެކުނު އެމެރިކާގެ ބްރެޒިލްކަމަށްވާއިރު، މިހާރު މުޅި ދުނިޔޭން ހަތަރުވަނަ އަށް އެންމެ ގިނައިން މީހުން މަރުވެފައިވަނީ ވެސް އެގައުމުންނެވެ. ބްރެޒިލުން މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 206،555 މީހުން މުޅިން ރަނގަޅުވެފައިވާއިރު، 8،318 މީހުންނަށް އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް މުޅި ދުނިޔޭން 6.26 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 370،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް އައިއިރު ރަނގަޅުވި މީހުންގެ އަދަދަކީ 2،846،523 އެވެ.