އިޓަލީގެ އިންޓަ މިލާނުން ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ބަދަލުވި އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީގެ ކޮންޓްރެކްޓް އެ ކްލަބުން ދާއިމީކޮށްފިއެވެ.
ޕީއެސްޖީން އިކާޑީގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އިންޓަ އާއެކު މަޝްވަރާކުރަމުން އަންނަތާ ދުވަސްތަކަކަށްފަހު އެ ކްލަބަށް ބަދަލުވެފައިމިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި 50 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ކަމަށް ފަހުގެ މީޑިއާ ރިޕޯޓަތައް ބުނެއެވެ.
އުމުރުން 27 އަހަރުގެ އިކާޑީ ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވެ ކުޅެދިން 31 މެޗުގައި 20 ގޯލްޖަހައިދީ، އިތުރު 4 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. ކޮވިޑް-19 އާ ގުޅިގެން ފްރާންސްގެ ލީގު ކެންސަލްކުރުމަށްފަހު ޕީއެސްޖީ އަށް ތަށި ދީފައިވީނަމަވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ މެޗުތައް ކުރިއަށް އޮތުމާއެކު އިކާޑީ އަށް މި ސީޒަނުގައި އިތުރު ލަނޑުޖެހުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.
ބާސެލޯނާގެ ޔޫތު ޓީމަށް ކުރިން ކުޅެފައިވާ އިކާޑީ ވަނީ 2013 ވަނަ އަހަރު ސަމްޕްޑޯރިއާ އިން 13 މިލިއަން ޔޫރޯގެ އަގަކަށް އިންޓަ އަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 219 މެޗުގައި 124 ގޯލް ޖަހައިދީފައެވެ. އެހެންނަމަވެސް، އެ ކްލަބުގައި ހޭދަކުރީ ފަހު ސީޒަނުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ސެރިއޭގައި ކުޅުނު 29 މެޗުގައި ޖެހުނީ 11 ލަނޑެވެ. އަދި 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުން އާޖެންޓީނާ ގައުމީ ޓީމުން ވެސް އޭނާ އަށް ފުރުޞަތެއްނުލިބެއެވެ.
އިކާޑީގެ މުސްތަގްބަލާ މެދު ސުވާލު އުފެދިފައިވަނީ 2018/2019 ވަނަ އަހަރުގެ ސީޒަނުގައި އިންޓަގެ ކޮންޓްރެކްޓް އާކުރުމާ މެދު އޭނާގެ އޭޖެންޓް ވެންޑާ ނާރާ ދެއްކި ވާހަކަތަކާ ގުޅިގެން އެ ކްލަބުގެ އިސްފަރާތްތަކާ ދެބަސްވުމަކަށް އައުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިކާޑީ އަތުން ކެޕްޓަން ބޭންޑް އަތުލުމަށްފަހު ގިނަ މެޗުތަކުގައި އޭނާ އަށް ކުޅުމުގެ ފުރުޞަތެއްވެސް ދީފައެއްނުވެއެވެ.
މީގެއިތުރުން، މި ފަހަރުގެ ސީޒަނަށް އިންޓައާ ހަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭންގައިވެސް އިކާޑީ އަށް ފުރުޞަތެއްނެތުމުން ލޯން އުސޫލުން ޕީއެސްޖީ އަށް ދޫކުރުމަށް ނިންމުމަށްފަހު އޭނާގެ ބަދަލުގައި އެ ކްލަބުން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ގެނެސްފައެވެ.