ޖަރުމަން ބުންޑެސްލީގާގައި ރޭ ކުޅުނު މެޗުގައި ފޯޗުނާ ޑުސެލްޑޯފް ބަލިކޮށް ބަޔާން މިއުނިކުން ތާވަލްގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މެޗު ބަޔާނުން ކާމިޔާބުކުރީ 5-0 އިންނެވެ.
މި ނަތީޖާއާއެކު ބަޔާނަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. ލީގުގެ ދެވަނައިގައި އުޅޭ ޑޯޓްމަންޑަށް އެއް މެޗު މަދުން ކުޅެގެން 57 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ބަޔާ ލެވަކޫސަން އެވެ. ހަތަރުވަނައިގައި އޮތީ 55 ޕޮއިންޓާއެކު އާރްބީ ލިޕްޒިގެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ތިން ލަނޑުޖަހާފައެވެ. މެޗު ފެށިތާ 15 ވަނަ މިނެޓުގައި ބަޔާނުން ލީޑްނެގީ ޑުސެލްޑޯފްގެ މަތިއަސް ޖޯގެންސަން އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރީން، ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ އެ ޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.
ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލެވަންޑޯސްކީ އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 29 ވަނަ ގޯލެވެ. މި މެޗުގައި ކާމިޔާބުކުރި ގޯލްތަކާއެކު، ލެވަންޑޯސްކީ ވަނީ ލީގުގައި ކުޅެމުން އަންނަ 18 ކްލަބު ކޮޅަށްވެސް ލަނޑުޖަހާފައެވެ. ބަޔާންގެ ފަހު ލަނޑުޖަހައިދިނީ ޒުވާން ކުޅުންތެރިޔާ އަލްފޮންސޯ ޑޭވީސް އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޝާލްކާ އަތުން ރަށުން ބޭރުގައި ވާޑާ ބްރޭމަން 1-0 އިން މޮޅުވިއިރު، ހޮފެންހައިމް އަތުން މައިންޒް ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ. ވުލްފްސްބާގް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން އެއިންޓްރަކް ފްރެންކްފަޓް އަތުން ބަލިވެފައެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި، ޕެޑަބޯންއާ ދެކޮޅަށް ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑް ނިކުންނައިރު، ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަމިއްލަ ދަނޑުގައި ނިކުންނާނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.