English Edition
Dhivehi Edition

މިދިޔަ އޭޕްރީލް މަހުގެ ތެރޭ އެމެރިކާގެ ޗިކާގޯއަށް އުފަން ޢުމުރުން 55 އަހަރުގެ ރޮބް ކެނޭ މިވަނީ ޑޭޑް ހައުޑޫއައި ގެ ނަމުގައި ޔޫޓިއުބްޗެނަލެއް އުފައްދާފައެވެ. އެއިން ދައްކުވައިދެނީ ޓައީއެޅުމާއި ތުނބުޅި ބޭލުންފަދަ ދިރިއުޅުމުގައި ކުއްޖަކު އޭނާގެ ބައްޕަ ގެ ފަރާތުން ދަސްކުރުމަށް އެދޭނެފަދަ ވަރަށް އާދައިގެ ހުނަރުތަކެކެވެ. މިޗެނަލް އުފެއްދިތާ ހަފްތާއެއް ނުވަނީސް ވަނީ ސަބްސްކްރައިބާސްގެ ގޮތުގައި 4 ލައްކަ މީހުން ޗެނަލާއި ގުޅިފައެވެ.

އޭގެ ފަހުން މިދިޔަ ހަފްތާގެ ތެރޭ ވަނީ މިޔޫޓިއުބް ޗެނަލާއި އަދި މި ޗެނަލް އުފެއްދި ރޮބް އާއި ބެހޭގޮތުން ޓުވިޓާ އަދި ޓިކްޓޮކްތަކެއް ވައިރަލްވުމުގެ ސަބަބުން ސަބްސްކްރައިބާސް 2 މިލިއަނަށް އަރާފައެވެ.

ރޮބް ބުނެފައިވަނީ މިފަދަ ޗެނަލެއް ހަދަން އޭނާ ޚިޔާލުކުރީ އޭނާ ފަދައިން ބައްޕައެއްގެ ފުށުން ދިރިއުޅުމަށްޓަކައި ބޭނުންވާ ފިލާވަޅުތައް ދަސްވެފައިނުވާ ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ. އޭނާ އާއި އޭނާގެ އެއްބަނޑު އެއްބަފާ 6 ބެއިން ވަރަށް ކުޑައިރު ޢާއިލާ ރޫޅުމުގެ ސަބަބުން ބައްޕަ އެމީހުން ދޫކޮށްދިޔައިރު ރޮބްގެ މަންމައަކީ ރާބުއިމުގެ ނުބައި ވަބާއަށް ގޮސް ދެވިހިފާފައިވާ މީހެއްކަމުން މުޅި ޢާއިލާ ބަލަހައްޓަން ޖެހުނީ ރޮބްއަށެވެ.

 

ޔޫޓިއުބުގައި އޭނާ ދައްކުވައިދޭ މަސައްކަތަށް ދަނީ ތަޢުރީފްގެ ބަސްތައް އޮހެމުންނެވެ. ކޮންމެ ވީޑިއޯ އަކާއެކު މީހުންދަނީ އެމީހުންގެ އިޙުސާސްތައް ކިޔައިދީ އެކަމެއް އެމީހުން ދަސްކުރިގޮތާއި ދަސްނުވާނަމަ ނުވިސަބަބު ކިޔައިދިނުމުގެ އިތުރުން ބައްޕައެއްގެ އެހީތެރިކަން ކުދިންނަށް މުހިއްމުވާ މިންވަރުގެ މައްޗަށް ބަޙުސް ކުރަމުންނެވެ.

 

ރޮބް މިކަމުގެ ތެރެއަށް ވަދެވުނީ އޭނާ ބުނި ގޮތުގައި އޭނާގެ ދެދަރީންގެ ތެރެއިން ވަކި ދިރިއުޅުމެއްގައި އުޅެމުންދާ ޢުމުރުން 27 އަހަރުގެ އަންހެން ދަރިފުޅަށް ކަންކަން ކުރާނެ ގޮތް ދަސްކޮށް ދިނުމުގައި ދުރުގައި ހުރުމުން ދިމާވާ އުނދަގޫ ޙައްލު ކުރުމަށް ވީޑިއޯ ކޯލް ކުރަން ފެށި ހިސާބުންނެވެ. ވީޑިއޯ އިން އެކަން ކަން ކުރާނެ ގޮތް ދަސްކޮށްދޭން ފެށުމުން ދަރިފުޅު އެވީޑިއޯ އޭނާގެ ފޭސް ބުކްގައި ޝެއަރ ކުރުމާއެކު އެތައް ބަޔަކަށް ވީޑިއޯ ކަމުދިޔަ ހިސާބުން ޗެނަލް ހަދަން ޚިޔާލު އައީއެވެ.

 

ޔޫޓިއުބްގައި އޭނާ މިހޯދި ކުރިއެރުމާއެކު މިޗެނަލަކީ އޭނާގެ އާމްދަނީ ވަންނަ އެއްޗެއްގެ އިތުރުން އޭނާއަށް ލިބުނު މަޝްހޫރު ކަމާއެކު ވިޔަފާރިވެރިންގެ ގިނަ ހުށަހެޅުން ތަކެއް މިހާރުވެސް ރޮބް އަށް ލިބެމުން ދެއެވެ.