English Edition
Dhivehi Edition

ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެމަނިކުފާނު އުފައްދަވާފައިވާ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ބޭނުންފުޅުވާ ވުޒާރާތައް އުފައްދަވާ އެވުޒާރާތަކަށް މިނިސްޓަރުން ޢައްޔަންކުރައްވާފައެވެ. އަދި އެބޭފުޅުންނަށް ރުހުން ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ނޮވްމެބަރު މަހުގެ 21 ވަނަ ދުވަހު ފޮނުވުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓާއެކު، ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާ މިއަދުގެ އެޖެންޑާކޮށްފައިވީ ނަމަވެސް މަޖިލީހުގެ މިއަދު ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

މަޖިލީހުން ވަޒީރުންނަށް ރުހުންނުދީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލަން ނިންމުމާ ދެކޮޅަށް ސަރުކާރުގެ ބައެއް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސަށް ވަކި މައްސަލައެއްގައި ގޮތެއް ނިންމިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އަދި، ގޮތެއް ނިންމާނަމަ ނިންމަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެން ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ތުހުމަތުކުރައްވާފައެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވާއިރު، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ތިއްބެވީ އެންމެ ހަތަރު މެންބަރުންނެވެ.