މޯލްޑިވިއަން އައިޑޮލް އިން ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން (ޒަކިއްޓެ)، އަލީ ރަމީޒުގެ ލަވަތަކާއި ބެހޭ ގޮތުން ފާޅުކުރި ހިޔާލާއި އެކު އޭނާއަށް ގިނަ ބަޔަކު ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.
ޒަކިއްޓެގެ ފޭސްބުކްގައި އޭނާ ލިޔުނު ސްޓޭޓަސްގައި ބުނެފައިވަނީ އަލީ ރަމީޒް ކިޔާފައިވާ %80 ލަވަތަކަކީ ކޮޕީ ލަވަތަކެއް ކަމަށެވެ. މި ސްޓޭޓަސް އާއި އެކު އަލީ ރަމީޒްއަށް ތާއިދު ކުރާ ފަރާތްތަތަކުން ވަނީ ސޯޝަލް މީޑީއާގައި ޒަކިއްޓެއަށް ވަރުގަދަ ރައްދުތަކެއް ދީފައެވެ. މިގޮތުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާ އަލީ ރަމީޒަށް ތާއިދު ކުރާ ފަރާތްތަކުގެ ތެރެއިން އޭނާގެ ދިފާއުގައި ނުކުތް ގިނަ މީހުން ވަނީ ޒަކިއްޓެއަށް އަދި އަލީ ރަމީޒް އާއި ގާތަށްވެސް މި ދާއިރާއިން ނުދެވޭކަމަށް ބުނެފައެވެ.
ޒަކިއްޓެއަށް ފާޑުކިޔަމުންދިޔަ ފަރާތްތަކަށް ރައްދު ދެމުން އޭނާ ބުނީ އަލީ ރަމީޒް އަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ކަމަށާއި އޭނާއަކީ އަމިއްލައަށް ޅެންހަދާ، އަމިއްލައަށް މިއުޒިކް ހަދައި ލަވަކިޔާ ފަރާތެއްކަމަށެވެ. އަދި އަލީ ރަމީޒް އާއި އޭނާ އަޅުވާ ކިޔާއިރު އޭނާ މި ދާއިރާގައި ވީ އަދި އެންމެ ތިން އަހަރުކަމަށާއި، އޭނާއަށް މިހާ ހިސާބަށްވެސް އާދެވުނީ އެއްވެސް މީޑީއާއެއްގެ އެހީތެރިކަމާ ނުލާކަމަށެވެ. “އަލީ ރަމީޒްއަކީ ޓީވީއެމްގެ ޕްރޮޑެކްޓެއް” ޒަކިއްޓެ ވަނީ ބުނެފައެވެ.
މި ސްޓޭޓަސްގެ މައްސަލަ ހޫނުވެ ޒަކިއްޓެއަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވާންފެށުމުން އެންމެ ފަހުން އޭނާ ވަނީ މި ޕޯސްޓް ޑިލީޓްވެސް ކޮށްލާފައެވެ. ” އަހަރެން ބުނީ ފޭސްބުކްގައި އަހަންނަށް ފެންނަ ގޮތް.” ޒަކިއްޓެ ބުނެފައިވެއެވެ.