English Edition
Dhivehi Edition

ޖަމިއްޔަތުއް ސަލަފުން ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި “އަލީ ރަމީޒާއެކު” އިވެންޓަށް ހުރަސް އެޅުމުންވެސް، އެ އިވެންޓް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލާއި އެ ރަށުގެ އަންހެނުން ކުރިއަރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، މި ހަރަކާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

ސަލަފު ޖަމިއްޔާއިން ކޮންމެ ހަފްތާއަކު ރާއްޖޭގެ ތިން ހަތަރު ސަރަހައްދެއްގައި ދަރުސްތައް ބާއްވަމުން އަންނައިރު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ހަޔާތުގެ އެކި ވާހަކަތައް ހިއްސާކުރުމަށް ޒުވާނުންނަށް ހާއްސަކޮށްގެން “އަލީ ރަމީޒާއެކު” މި ނަމުގައި ހާއްސަ އިވެންޓްތަކެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ،

މި ސިލްސިލާގެ ޕްރޮގްރާމެއް މި ހަފްތާގައި ގދ. ފަރެސްމާތޮޑާގައި ބާއްވުމަށް ނިންމާ، އެ ރަށު ސުކޫލު ހޯލް ހޯދުމަށް އެދުމުން އެ ހޯލްވެސް ވަނީ ދީފައެވެ.އެހެންނަމަވެސް އިވެންޓް ފެށުމުގެ ތައްޔާރީތައް ވާން އުޅެނިކޮށް ވަނީ “އަލީ ރަމީޒާއެކު” އިވެންޓް ބޭއްވުމަށް ހޯލް ނުލިބޭނެ ކަމަށް ސުކޫލުގެ ޕްރިންސިޕަލް އަންގާފައެވެ، ސްކޫލު ކަލަންޑަރުގައި ނެތް އިވެންޓެއް ކަމަށް ބުނެ، ސްކޫލް ދޫކުރުމަށް މެނޭޖްމެންޓުން ދެކޮޅު ހަދާފައިވާއިރު މިއީ ސްކޫލު ކުދިންނަށް ހާއްސްކޮށްގެން ބާއްވަން އުޅުނު އިވެންޓެއް ނޫނެވެ.

ރަށުގެ އާންމުންނަށް ހާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމި މި ހަރަކާތަށް، ހުރަސް އެޅުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިތުންތައް އަމާޒުވިއިރު، ފަހުން މި އިވެންޓް ކުރިއަށް ގެންދިޔައީ ކައުންސިލް އިދާރާގެ ހޯލްގައެވެ.