މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް އައިޝަތު އަޒަލް ޢަލީ ޒާހިރު ޙާސިލްކޮށްފިއެވެ.
އަޒަލްއަށް އައިޑޮލްގެ ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.
ގްރޭންޑް ފިނާލޭގައި ފައިނަލިސްޓުންގެ ގޮތުގައި 5 ބައިވެރިއަކު ވާދަކޮށްފައިވާއިރު، ސީޒަން ތިނެއްގެ 2 ވަނަ ހާސިލުކޮށްފައިވަނީ އައިމިނަތު ސައިނާ މުޙައްމަދު ރަޝީދެވެ. އަދި 3 ވަނަ ލިބުނީ މަރިޔަމް މައިޝާއަށެވެ.
އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލް ކާމިޔާބުކުރި އަޒަލްއަށް އިނާމެއްގެގޮތުގައި 2 ލައްކަ 50 ހާސް ރުފިޔާގެ ފައިސާގެ އިނާމް ޕީ.އެސް.އެމުން ވަނީ ހުށައަޅާފައެވެ. އަދި މެލޭޝިއާގެ ލިމްކޮކް ވިންގް ޔުނިވަރސިޓީގެ ކަލްޗަރަލް ފެސްޓިވަލްގައި ޕަރފޯމްކުރުމުގެ ފުރުޞަތުވެސް ދީފައިވެއެވެ.
ގަދަ ތިނެއްގައި ހިމެނުނު ބައިވެރިންނަށް ދިރާގުން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ކަމާއި، 55 އިންޗީގެ އެޗްޑީ ޓީވީގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް9 ޕްލަސް އެއްވެސް ދީފައެވެ.
މީގެ އިތުރުން އައިޑަލްގެ ހަތަރު ޖަޖުންނަށާއި ދެ ހޯސްޓުންނަށް އިނާޔަތްތަކަކާއެކު އެ ކުންފުނީގެ ބްރޭންޑް އެޑްވޮކޭޓަރުންނަށް ވުމުގެ ފުރުސަތު ދިރާގުން ވަނީ ދީފައެވެ.
މީގެ އިތުރުންވެސް ސްޕޮންސަރުންގެ ފަރާތުން ބައިވެރިންނަށް ވަނީ ގިނަ ހަދިޔާތަކެއް ދީފައެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ ގަދަ ތިނަކަށް ބެންކޮކް ދެކޮޅު ޓިކެޓް އަދި ގަދަ ފަހެއްގައި ހިމެނުނު ނައުޝާދު އަބްދުލް ލަތީފާއި ތަސްލީމް އަބްދުލްކަރީމަށް ޗެންނާއީ ދެކޮޅު ޓިކެޓް ދީފައެވެ.
ރޭގެ ޝޯގައި ބައިވެރިންގެ އިތުރުން މަޝްހޫރު ގިނަ ބޭންޑުތަކާއި ލަވަކިޔުންތެރިންގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދިޔަ އެވެ.
އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ޓައިޓަލް ގެންދިޔަ ލައިޝާ ޖުނައިދު އާއި ދެ ވަނަ ސީޒަންގައި ޓައިޓަލް ގެންދިޔަ ތަސްނީމް މުހައްމަދުގެ ހުށަހެޅުންތަކެއްވެސް ފެނިގެންދިޔަ އެވެ. މީގެ އިތުރުން ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އިބްރާހިމްއާއި މުހައްމަދު އިޝާންވެސް ފެނިގެންދިޔަ އެވެ. މި ބައިވެރިން ހުށަހަޅާދިނީ އަމިއްލަ އޮރިޖިނަލް ލަވަތަކެވެ.