English Edition
Dhivehi Edition
ޓްރިވެންޑްރަމްގައި ތިބި ބައެއް ދިވެހިންނާއެކު 11 އޭޕްރީލް 2020 ވަނަ ދުވަހު މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: މޯލްޑިވިއަން

ރާއްޖެއިން ބޭރުގައި ތިބި 73 ދިވެއްސަކު ރާއްޖެ ގެނެސްދިނުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް، މިއުވާން މުހައްމަދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުންނާއި، އިނގިރޭސިވިލާތުން 23 ދިވެއްސަކު ކަމަށެވެ.

މިއުވާން ވިދާޅުވީ އެމީހުން ރާއްޖެ އަންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި، އެމީހުން ދަތުރުކުރާނީ ސްރީލަންކަން އެއާލައިންސްގައި ކަމަށެވެ.

އެމީހުން ސްރީލަންކަން އެއާލައިންސް އިން ދަތުރުކުރާނީ ޔޫކޭގެ ވެރިރަށް ލަންޑަނުންނެވެ. އެ ފްލައިޓުން ދަތުރުކުރުމަށްޓަކައި ބެލަރޫސްގައި ދިރިއުޅޭ ދިވެހި ދަރިވަރުން ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެ ފްލައިޓްގައި ރާއްޖެ އަންނަ އެންމެންވެސް ޓިކެޓަށް ފައިސާ ދައްކަނީ އަމިއްލައަށް ކަމަށްވާއިރު، އެ އެންމެންވެސް ރާއްޖެ އައުމަށްފަހު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެވޭނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ޚާއްސަ އިންތިޒާމްތަކުގެ ދަށުން ބޭރު ޤައުމްތަކުގައި ތާށިވެފައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްދީފައެވެ. އެގޮތުން އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ތައިލޭންޑުންވެސް ވަނީ ދިވެހިން ރާއްޖެ ގެނެސްދީފައެވެ.