English Edition
Dhivehi Edition

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ވެސް ގާނޫނު އަސާސީ އިސްލާހު ކުރަން އިއްތިފާގުވާ ކަމަށާއި ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުންނަށް އެއީ އެންމެ ރަނގަޅު ލަފައެއްގެ ގޮތުގައި ފެނިފައި ނުވާ ކަމަށެވެ.އެހެންކަމުން ގާނޫނުއަސާސީ ބުނާގޮތުން މައްސަލައިގައި ދެން ލަފައެއް ނުވަތަ އިރުޝާދެއް ހޯދެން އޮތީ ސުޕްރީމް ކޯޓުންކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ. އިތުރަށް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ގޮތަށް ފާސްކޮށްގެން ކަމަށް ވާތީ މެންބަރުން އެގޮތައް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު އިންތިހާބު ފަސްކުރުމުން ދެން ދިމާވާ ކަންކަމަށް ފަރުވާ ހޯދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެއީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް މަޖިލީހުން ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވުމުން، އީސީ އިން ވަނީ ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ނަގައިފަ އެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާއިރު ރޭ އެ ޕާޓީން ވަނީ ބިލު ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނެރުމަށް ފާސްކޮށްފައެވެ.