English Edition
Dhivehi Edition
ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ. --ފޮޓޯ: އޭޕީ

ޗެލްސީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ، ކުރިއަށް އޮތް ސީޒަނުގައިވެސް އެ ކްލަބުގައި މަޑުކުރާނެކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް މަހު، ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 91 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ އިން ޗެލްސީ އަށް ބަދަލުވި ކެޕާ އަށް މި ސީޒަނުގައި ފަހަކަށް އައިސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީވެ، އެ ޓީމުގެ އައު ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބައެއް މެޗުތަކުގައި ބަދަލު ކީޕަރު ވިލީ ކަބަލޭރޯ އަށް ފުރުޞަތުދީފައެވެ.

މިކަމާ ގުޅިގެން އިނގިރޭސި މީޑިއާގައި، މި ސީޒަނަށްފަހު ޗެލްސީން ކެޕާ ވިއްކާލާނެކަމުގެ ވާހަކަތައް ފެތުރިފައިވާއިރު އޭނާގެ ބަދަލުގައި އެހެން ކީޕަރަކު ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެއެވެ. އެގޮތުން، ބާންލޭގެ އިނގިރޭސި ކީޕަރު ނިކް ޕޯޕްގެ އިތުރުން ބަޔާން މިއުނިކްގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ އަށް ފާރަލާފައިވާކަމުގެ އަޑުތައް ވެސް ވަނީ އަރާފައެވެ. އެހެންނަމަވެސް، ދާދިފަހުން ބަޔާން އާއެކު ނޯޔާ ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާއިރު، މިހާރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން އިތުރު ކީޕަރަކު ގެނައުމަކީ ފަސޭހަކަމަކަށް ނުވުމުން ޗެލްސީން ކެޕާ ދޫކޮށްނުލާން ނިންމީކަމަށް ވެސް ބެލެވެއެވެ.

އުމުރުން 25 އަހަރުގެ ކެޕާ ވަނީ ޗެލްސީ އަށް މިހާތަނަށް ކުޅެދިން 87 މެޗުގެ ތެރެއިން 31 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. އެކަމަކު، ޗެލްސީ އާއެކު މި ސީޒަނުގައި މިހާތަނަށް ކުޅުނު 25 މެޗުގައި ބައިކޮޅަށް 32 ގޯލް ވަދެފައިވާއިރު، ބައެއް މެޗުތަކުގައި ވަރަށް އާދައިގެ ގޯލްތައް ވަނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަންނަ ޖޫން މަހުގެ މެދުތެރޭގައި އަލުން ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުން އަންނައިރު، މިދިޔަ މާރިޗް މަހުގެ 9 ވަނަ ދުވަހު ލީގު މެދުކަނޑާލިއިރު ތާވަލްގެ އެއްވަނައިގައި އޮވެ 29 މެޗުން ކުރި ހޯދީ 82 ޕޮއިންޓާއެކު ލިވަޕޫލެވެ. އޭގެ 25 ޕޮއިންޓް ފަހަތުން ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، 53 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. ޗެލްސީ އޮތީ 48 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.