ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް އިޓަލީ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ޔޫރޯގެ ތަށި އިޓަލީ އިން އުފުލާލި ދެވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1968 ވަނަ އަހަރު އެވެ. އަދި މިއީ ޔޫރޯގެ ތާރީޚުގައި ފައިނަލް މެޗެއްގައި ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓްއައުޓް އަށް ދާން ޖެހުނު ހަތްވަނަ ފަހަރެވެ. މީގެއިތުރުން، އިޓަލީ ވަނީ ޔޫރޯގެ އެއް މުބާރާތެއްގައި ދެ ފަހަރު މަތީން ޕެނަލްޓީ ޝޫޓްއައުޓްގައި ކުރިހޯދި ހަމައެކަނި ޓީމުގެ ޝަރަފު ހޯދާފައެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗު ފެށިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކުރީން ލީޑްނެގީ ވެސް އިންގްލެންޑުންނެވެ. މެޗު ފެށިގެން އެއް މިނެޓާއި 56 ސިކުންތުގެ ތެރޭގައި އެ ޓީމަށް މިލަނޑުޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑްގެ އިތުބާރު ފުލްބެކް ލޫކް ޝޯ އެވެ. މިއީ އިންގްލެންޑަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ހާފުގައި އިޓަލީ އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ހަލުވި ވިންގާ ފެޑެރީކޯ ޗިއޭސާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އިޓަލީ އަށް އެއްވަރުކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް ޑޮމެނިކޯ ބެރާޑީ ނަގައިދިން ކޯނަރަކުން ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ މާކޯ ވެރާޓީ ބޮލުން ފޮނުވާލުމުން އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑްގެ އަތުގައި ޖެހިފައި ގޯލްގެ ދަނޑީގައިވެސް ޖެހިފައި ގޯލް ކުރިމައްޗަށް އައި ވަގުތު ބޮނޫޗީ ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭގޮތްނުވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ފުރަތަމަ ފޮނުވާލި ދެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. މި ދެ ޕެނަލްޓީ ޖެހީ ހެރީ ކޭން އާއި ހެރީ މެގުއާ އެވެ. އެ ޓީމުގެ މާކަސް ރަޝްފޯޑް ފޮނުވާލި ޕެނަލްޓީ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، ޖޭޑަން ސަންޗޯ އާއި ބުކާޔޯ ސާކާ ފޮނުވާލި ޕެނަލްޓީތައް އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މަތަކުރިއެވެ.
އިޓަލީގެ ފަސް ޕެނަލްޓީގެ ތެރެއިން ބެރާޑީ އާއި ބޮނޫޗީ އަދި ފެޑެރީކޯ ބާނަޑެސްކީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ފޯވާޑް އަންދްރެއާ ބެލޮއްޓީ އާއި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީތައް އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ހުއްޓުވިއެވެ.
މި މެޗުގައި ޖެހި ގޯލާއެކު ބޮނޫޗީ ވަނީ ޔޫރޯގެ ފައިނަލެއްގައި ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު ބޮނޫޗީގެ އުމުރަކީ 34 އަހަރާއި 71 ދުވަހެވެ. އަދި އިޓަލީ އަށް ޔޫރޯގެ މުބާރާތްތަކުގައި އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮންނަނީ ވެސް ބޮނޫޗީ އަތުގައެވެ. އޭނާ ވަނީ މިހާތަނަށް 18 މެޗު ކުޅެފައެވެ.
ރޭގެ މެޗާއެކު އިންގްލެންޑުން ވަނީ ޔޫރޯގެ ތާރީޚުގައި ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ގިނަ ފަހަރު ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޓީމުގެ ޝަރަފު ހޯދާފައެވެ. މި މުބާރާތުގައި އެ ޓީމުން ޕެނަލްޓީޖަހައިގެން ހަތަރު މެޗުން ބަލިވިއިރު، ބޮޑު މުބާރާތެއްގައި އެ ޓީމުން އެންމެ ފަހުން ކުރިމަތިލި ނުވަ ޕެނަލްޓީ ޝޫޓްއައުޓްގެ ތެރެއިން މޮޅުވީ ދެ ފަހަރު އެވެ.