English Edition
Dhivehi Edition
އީދި ދުވަހަކި ބޭވި ކެއުމަކި އެތެރުން

އަދަކީ ކުދުއީދި ދުވަސް. އަޅަކަމި މައްތެތިބެ މިޅިރޯދަމަސް ހޭދަކޮއްލާއި އެއަޅަކަމުގެ ފުރިހަމަ ސަވާބާއި ދަރުމަ ހާސިލުވީ ކަމުގެ ހިއުހަމަޖެހުމާއިއެކީ ތިބެ މިޅި ރޯދަމަސް ހޭދަކޮއްލާއި އަދި ، ލިބެނެ ވަރަބަލިކަމައް ލުއައް ދިނުމުގެ ގޮތުން މުސްލިމުން އުފާފައުޅު ކެރާއް އޮންނެ ދުވަހައް އަދަކީ.

ކޮންމި ކަމަކިއަސް އެބާކިން ގިނިވޭނޑޭ އަމެއްލަ ގޮއްތަކަކާއި އަމެއްލަވަންތަކަމައް އޮންނެ އުސޫލުން އައްޑޫމީހުން ކުދުއީދި ފާހަނގަ ކެރަމުން އައިއަސް ރާއްދޭގެ އެހެން ހިސާބަތަކާއި މިޅިން ތަފާތު ގޮތަކައް.

އީދިޖެހޭއް ތިން ދުވަހޯ. އަދަ މަނަގައިލާ ދުވަހޯ. މާދުމަކީ ކަތީބުންގެ ފެޅައް ވައްޓާ ދުވަހޯ. މީ އީދި އައުމުގެ ދުވަސްކެޑައް ކުރިން އަފިރިންގެ އެތެރެ ކޭއް ފަށާ ކުރު ބާނދައް.މެހެއިސާބުން އީދައް ތައްޔާރަވުން އެއުތީ ފެށިފެއި.އެހެއިތާން އޭކޯ އީދިދުވެހި ލާނެ ހެދުމާއި ކައްކާނެ ކާއެއްތެތިއެއި ޒިޔާރައްކެރާނެ ގޭގޭއި ކޮޅަނަނެ ކުޅިވަރަތައް ރާވައި ނިންމާއް ފަށާށިޔެ.

 

ހިއްޗައް ގެއުން:

 

ހިއްޗައް ގެއުމަކީއަސް ނިކަން އިސްކަމައް ދެރަގެން އެންމެންނަސް ކޮއުހަދާ ކަމައް. ހިއްޗައް ގެއުމަކީ މިކޯގެ ގޮތުންބެނާފެހޭ ހަނދަބަލާއްގެއުން. މިކަމައް ހަމަކޮންމި ރަށަކުނަސް ވަކި ހާއްސަ ބާކިއެ ސައުފުކޮއް ހަނދަ ފެނޭނެހެން ހީވޭ ދިމާކައު އޭށިޔެ. ހިއްޗައުއޭއް، އޮނާއި ފަންނަތުން ހަދަފެއި އޮންނެ ގޮނާކައް ރޯދަކަނޑާނެ ކާޔޭ އެޑަގެން އިޔާ ކޮނޑެއެޑުވަގެން ރޯދަމަހި 28 ވަނަދުވެހި އިރިފުހޭތާން ގޮސް އެތެއިތިބެ ހަނދަ ބަލަލާއި ރޯދަކަނޑަގެން ނަމާދަކޮއްގެން ބޭތާ. ހަނދަ ފެނެނަސް ނިފެނެނަސް އެކަމުގެ ރިޕޯޓު ރަށި ވެރިންނާއި ހަވާލަކެރާއްވޭހެއް.

އީދިވަންނަރެއި އޮންނެ ކަންތައް

 

އީދިކަން އެނގުމާއި އެއްކޮއް އާއިލީ އެންމެން އެއްތަން ވޭށިޔެ. އީދި ޕްރޮގްރާމާ ރާވާނެއި މިތެއި ތިބެ. އެރެއި ކުދުކުދިން ފިޔަވައި އެހެން އެންމެން ތިބޭނެއި ހެއިލާއި .އެއްބާކިން ފަށާނެއި އެދުވެހި ފެނެލާފެއި ހިށި ހަނޑޫ އެއްތާ ފިނޑަގެން ދެވައްތަރުން ބޯކިބާ އެޑާއް. ފިށިދުނެ އަލިފާން އަނގުރު އަނދަކޮއްގެން ބޮނޑަ ތޭލަކި އެޑާ މިބޯކިބާއި މަތި ފިހާށީ ތޭލެ ސަރަބޯހާ ޖަހަފެއި އިޔާއި މައްތަށަސް އަނގުރު އެޑައި ދޮންކޮއްގެން. ފިހާއްލާފެއި އޮންނެ ބޯކިބާ އޮންނަނެއި ކެއުފަތިއަސް ލާފެއި. އެރެއި ބޯކިބާ ފިހޭވަސް ހިންނަނެއި އެއްވަހަކައް މިޅިރަށިއެތެރެ.

އެހެންތިބޭކޯ ލާނެއް ކަންތަކަސް ކެރާށިޔެ. އެހެއިވަރުން އެޑާ ބޯކިބާ އިރިއަރާކޯ ވަގާއަރާހެއް.ނުންވީ ބެޅެލާ ކާސްފޭހެއް. ހެއިލާއި ތިބެގެން މިކަހަލެއި ކިތައްމި ސަމާސާއް ކެރަތާ.

 

އެރެއި އީދިސައި ތައްޔާރަވޭކޯ ބޯކިބާގެ އިތިރައް އައްޑޫ މީހުންގެ ޚާއްސަ ފޮނިކާއެއްތެތި ނަންހުސްކޮއް ތިބޭހެއް. އޭނެ އެތެރެ ބޮޗޮޅި، ހުއްކަރަ، ހުނިހަކުރު،އުއްސަކުރުގެޅަ،ބެނޑި،މަސްކައިށި،ނާރޮއްފަލުދަ،ކުބުސް، އަދި ދޮންކެއު ކަހަލެއި ވަރަށް ގިނަ ބާވައް ހިމެނޭހެއް.

އީދި ހެދުން:

 

އީދައް ތައްޔާރަވުމެ އީދި ހެދުމާކީ ވަރައް މުހިއްމު އެއްތައް. އެންމެންނަސް އީދައް އައު ހެދުމައް ލިބޭތޯ ބަލަތާ.އެކޯ ހެދުން ގަންނައް ލިބޭކައް ނިތިބެއި. ކޮޅުނބު ދަތެރެ ގޮއްސެއިއޭކޯ ގިނޭ ކަސަބުބާދަލާއި ފޮތިއެއި މުންޑާއި އަލްފަކާއި ފޭލިއެއި ތާކިޔާއި އެއްތެތި ތިބޭހެއް އެންމެން އަތިއަސް. އޭނުން އެއްތެތި ފަހަގެން ލާނެއި.

އަންހެން ކުދިން ތިބޭނެއި ހަތަރެސްފައި ރަން އެޑަފެއި ކަންފަތި މުދި ލާފެއި ކަރިވަށައި ކައްތިރިއައް ރަންފައްޓަރަބައި އެޑުވަފެއި. ބޮލެ ހުޅިޖަހަފެއި ޓިސްދަތި ޖަހަފެއި އުނިމަލާއި ފޮނިމަލާއި ފިނިފެން މައު އަމަނަފެއި ގޮށާއި ވެޑަފެއި.

މެހެންތިބޭކޯ މިކުދިން ފެނޭބާކިގެ ލޯތަރަތަރަޖަހާހެއި ނަލަވެފެއި ފުރިހަމަވޭހެއް. ފިރިހެން ކުދިންނަސް ތިބޭނެއި ތަނަވަސްކަން ހިންނެ މިންގަނޑުން އައްދިގިގަމީހާއި އައްކުރު ގަމީސް ނުންވީ ގަންޖިފަރާހާއި މުންޑު އެނދަގެން ރުމާލައް ބޮލެ އެޑަގެން. އެންމެންނަސް އީދައު އޭނެއި އަތަރަލާގެން.

ސަގާފީ ހެދުމެ ތިބި ކުދު ދެކުދިޔެ. އައްޑޫކުދިންނަސް އީދި ފާހަނގަ ކެރާށީ ސަގާފީ ހެދުންލާގެން/ފޮޓޯ ޓުވިޓަރ

އީދިސައި އަދި މެންދިރި ކެއުން

 

އެކޯ އަންހެނާ އީދިނަމާދާކައް މިސްކިދައް ނިއޭށިޔެ. އެވެރިން ތިބޭނެއި އީދި ސައިހަދަގެން ގޭނަލަކެރާއް.އެހެންތިބޭކޯ އަތަރަބައްތިއަސް ތައްޔާރަ ކެރާށިޔެ. އޭ ލިއެށި ކެޑަކި ކެޑެ ކަފަވެޑަފެއި ކަފަބުރައުހެން ހަދަފެއި އިޔާއި އަތަރަލާފެއި ކެއުބަޑަގަނޑަކައް ޖަހަފެއި ބާފެއި ތިބޭ އެއްތައް. އީދި ކޮއްގެން ގެއުއޭ ކޮންމި މީހަކާއް އަތަރަ ބައްތިއައް ލިބޭހެއް.

އީދި ނިމިގެން ސަލަވާއްފާތިހާ ކިޔެވުމަސް އޮވެއި. އެވެރިން އޭކޯ ގޭ ހިންނަނެއި ދުން އެޑަފެއި މީރިވަސް ދޮއްވަފެއި. މެހެމާނުންނާއި ބައްދަލަކޮއް ސަލާން ގަލާންކޮއް އީދި ތަހުނިޔާ ކޭލާއި ސައިބޯގެން ދެން އެފެށެނެއި މެންދިރައް ތައްޔާރަވޭއް. އެރެއި ހެއިލާއި ތިބެ އަތިލާގެން ބެނދެފެއި ތިބި ކުކުޅު ހައުލާމެންގެ އަޖަލަ ޖެހޭ ވަގުތު އައި. ކައްކަކާއްކޯ ކޭކޭއި ތިބެއި އިޔާމެން ކަތިލާފެއި ވައްޓަލާށިއެ.

މެންދިރެއި ކައްކާ އެއްތެއްތެ އެތެރެ ކުކުޅު ރެހާއި ފެންބައް ނުންވީ ރޫސިއާބަތާއި ކޮޕީ ފައް ނުންވީ ހުސަންރަފާ ފަތި ސަޓަނިއެއި ފިހިމަހާއި ސާގުބޮނޑިބަތާއި ކަސްޓަޑާއި މޭވާ ޖޫސް ހިންނެހެއް.

އީދި ކުޅިވަރަ:

 

ކާއި ނިމިގެން އަސިރިވޭތަނުން ހަނަގެން އެނައްކޯސް ނަލަހެދިގެން ދެން އެނުކުތީ މަގައް. އެހެއިސާބުން އީދި ކުޅިވަރަ ފެށެނެއި. ކޮންމިބާކިންނަސް ކޮޅަނައް ނުކުންނަނެއި އެބާކިންގެ ގޭއި ކަވެރިޔެ އޮންނެ ބޮނޑަ މަގަކައް. ބައިބެހަގެން ފޯރިއެއި އެއްކޮއް ކޮޅެނެ ކުޅިވަރަތަކި އެތެރެ ބައްޑިއާ،ތިންފައިރޭސް،ގޯނިރޭސް،ބަށި،ޗުކީ،ފިލާފިލި،އައްޕަޑާ،ވަޑައްދިވާއް،ހިމެނެއި. އޭގެ އިތިރައް މުނިފޫހި ފިލުވުމުގެ ގޮތުން ޖަމާއަތި ފެންވަރި ރައިވަރާއި ބަނދިކޭއި،ބަނޑިޔާ އި ދަނޑި ޖަހައި،ފަޓާސް ޖަހައި، އީދި މަޅިލާއި އީދި ތަކުބީރާ ބެނދެ،ބޮނޑަމަހާބާއި، ވައުދެމުން ކަހަލެއި ކަންކަން ހިނގުވުމަސް އަވަށްތަކި މެދެ އޮވެއި. ފެންކުޅިއަކީއަސް ނިކަން ފޯރިއެއި އެއްކޮއް ކެރާކަމައް. ކޮޅަނައް ތިބެފެއިއަސް އެހެކާ އެނެހެކާއް ނިއަނގުވައިއާސް ފެންބާލިދީ އެޑަލާތަން ފެނޭނެއި. އީދި ކުޅިވަރަތައް މިގޮތައް މިޅި ހަފްތާއިއަސް ކުރިއައު އޭހެއް.

މީއެކޯ އަފިރިން އީދި ފާހަނގަ ކެރަމުންއާގޮއް. މީގެ އެތެރުން ވަރަށް ގިނަ ކަންތައްތައް މިކޯ އަފިރިއެ ދޫކޮށްލިމާ. ތަހުޒީބުވެ ކުރިއަރަގެން ގެއުމުގެ ސަބަބުން ބަދަލުތައު އާ ކަމުގައި ވިއަސް މިކަލަސް އީދި ފާހަނގަ ކެޑުމަކީ ހަމަ އައްޑޫގެ ސަގާފަތައް. މިކޯގެ އީދި ދުވަސްތަކައް އާއްސެއި އޮތީ ޒަމާނީ ކުލަވަރައް.

“ލޮކްޑައުން ” އަކި ތާށި ވެފެއި ތިބެއި މިއީދި އަފިންނާއި ބައްދަލަ މިކެޑެއި . އެހެން އީދިތަކި ކެރާހެއިކަންކަން އަފިންނައް މިފަހަރަ ނިވިޔަސް އާއިލީ ގުޅުމާއި އެކުވެރިކަމާއި އަޚު ވަންތަކަން ބަދަހިވޭނެ ގޮތަކައް އީދި ބައްޓަން ކޮއްގެން ކުރިއައް ގީގޭފެހޭ އީދުގެ އުފާ ހާސިލުވޭހެއްކަމާއި މެދަކި ޝައްކައްނެއް.