English Edition
Dhivehi Edition

މިއަދަކީ އައްޑޫސިޓީއަށް ތާރީޚީ ދުވަހެކެވެ. އައްޑޫގައި ތިބި އިނގިރޭސިން ގަމުން ފައިބައި އެމީހުންގެ އެއާ ބޭސް ރާއްޖޭގައި އޭރު އޮތް ސަރުކާރާއި ހަވާލުކުރި ތާ 43 އަހަރު ފުރޭ ދުވަހެވެ. އައްޑޫގެ ރައްޔިތުންނަށް ހަނދާނުން ފޮހެލަން ދަތި ދުވަހެކެވެ. ލިބެމުން ދިޔަ އާމްދަނީ ހުއްޓި އެތައްބަޔެއްގެ ވަޒީފާ ގެއްލި އައްޑޫގެ ގިނަ ބަޔަކު ހާލުގައި ޖެހުނު ދުވަހެވެ.

އިނގިރޭސިންގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް އައްޑޫގައި ގާއިމު ކުރީ 1941 ވަނަ އަހަރު އައްޑުއަތޮޅު ގަމުގައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއެވެ. މިތަނަށް ކިޔާފައިވަނީ “ޕޯޓް ޓީ” އެވެ. ނަމަވެސް 1957 ވަނަ އަހަރުން ފެށިގެން މިތަނުގެ ނަންވަނީ އާރު.އޭ.އެފް ގެ ނަމަށް ބަދަލު ކޮށްފައެވެ.

އިނގިރޭސިން އައްޑޫގައި ތިބުމުގެ ސަބަބުން އައްޑޫ އަތޮޅަށްވަނީ ތައުލީމީގޮތުންނާއި އުމްރާނީގޮތުން އެތަކެއް ކުރިއެރުން ލިބިފައެވެ. ފެންވަރު ރަނގަޅު އެއާޕޯޓާއި އެންމެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލާއި ތާރު މަގުތަކާއި ސިނަމާ ފަދަ ތަންތަން އައްޑޫގައި ގާއިމު ކުރެވުނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭރުގެ މަތިންދާ ބޯޓު ޖެއްސީ މިހާރު ވެސް ބޭނުންކުރަމުން މިދާ ގަމުގެ ވައިގެ ބަނދަރުގައެވެ. އޭރު ގަމުގައި ހުރި ހޮސްޕިޓަލަކީ ހުރިހާ ވަސީލަތްތަކެއް އެކުލެވޭ ބޮޑު ހޮސްޕިޓަލެކެވެ. އެތަނުން ބޮޑެތި އޮޕަރޭޝަން ކުރެވެއެވެ. މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އޭރު ބޭސްފަރުވާ ހޯދުމަށް އައީ އައްޑޫއަށެވެ.

އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާ ލިބި ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ތަނަކަށް އޭރު އައްޑޫ އޮތީ ވެފައެވެ. އައްޑޫން އިނގިރޭސިން ފޭބުމާއެކު އެ ހުރިހާ ކަމެއް ނެތި ވީރާނާ ވެގެން ދިޔައީއެވެ. ބޭނުން ހިފޭނެ ހުރިހާ އެއްޗެއް ދިވެހި ދައުލަތަށް ނަގައި އެތަކެތި މާލެ ގެންދިޔައީއެވެ.

އައްޑޫގެ ގިނަ ރައްޔިތުން އޭރު ދިރިއުޅެމުން ގެންދިއައީ އިނގިރޭސިންނަށް މަސައްކަތްކޮށްދީގެން ލިބޭ އާމްދަނީއަކުންނެވެ. އެހެން ކަމުން އައްޑޫން އިނގިރޭސިން ފައިބައިގެން ދިއުމުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވިކަން ފާހަގަކުރެވެއެވެ.އެއީ އައްޑޫމީހުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިގެން ދިޔަ ދުވަސްވަރެކެވެ. އެހާ ހިސާބުން ކިރިޔާވެސް ދެވޭ ވަރުގެ ބަޔަކު ތިބި ނަމަ އެމީޙުންގެ އާއިލާއާއެކު މާލެ ގޮސް އެތަނުގައި ވަޒަން ވެރިވީއެވެ.

ގަމުގައި ތިބި އިނގިރޭސި ސިފައިން މީގެ 43 އަހަރު ކުރިން ގަމުން ފައިބައިގެންދިއައިރު އެންމެ ބޮޑަށް ކަންބޮޑުވީ އެމީހުން އެތަނުން ފައިބައިގެން ދިއުމުން އައްޑޫ އަށާއި ގަމަށް ދެން ވާނެ ގޮތެއް ނޭނގޭތީ ކަމަށް އެއިރު އެތަނުގައި ތިބި ބައެއް އިނގިރޭސި ސިފައިން ވަނީ ބުނެފައެވެ.

2016 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އެމްއެމްޕީއާރުސީގެ ދައުވަތަކަށް އިނގިރޭސި ކުރީގެ ސިފައިންގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ. އެ ޓީމުން ވަނީ އައްޑޫއަށް ޒިޔާރަތްކޮށް އެމީހުން ބޭނުންކުރި ސަރަހައްދުތައް ބަލާފައެވެ. އެދަތުރުގައި އެމީހުން ވަނީ އިގިރޭސި ސިފައިން އައްޑޫގައި ތިބި ހަނދާން އާކޮށް އެދުވަސްވަރުގެ ވާހަކަތައް ކިޔައިދީފައެވެ. އެމީހުން ބުނެފައިވަނީ އެމީހުން އައްޑޫގައި ތިބި އިރު އައްޑޫގެ ރައްޔިތުންނާއި އެމީހުންނާއިމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށްވުމުން އެމީހުންނާއި ވަކިވެދިއުން ވީ ވަރަށް އުނދަގޫ ކަމަކަށް ކަމަށެވެ.