English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މިސެގްމެންޓްގައި މިއަދު ގެނެސްދެނީ ފުރުޓް ކަސްޓަރޑް ކައްކާނެގޮތުގެ ރެސިޕީއެވެ. ކަސްޓަރޑް އަކީ ހުކުރުދުވަހުގެ ޚާއްސަކެއުމާ އެކު އަދި ޚާއްސަ ކޮންމެ މުނާސަބަތަކަށް ދިވެހިންގެ މެދުގައި މަގުބޫލު ޑެޒަޓެކެވެ. ކަސްޑަރޑަކީ މިހާރު އެކި ގޮތްގޮތަށް އެކި މީހުން ކައްކައި އުޅޭ ރެސިޕީއެކެވެ. މިއަދު އަޅުގަޑު މިގެނެސްދެނީވެސް ކަސްޓަރޑް ގެ ތަފާތު ރެސިޕީއެކެވެ.

ބޭނުންވާތަކެތި:

4 މީހުންނަށް:-

2 ޖޯޑު ކިރު

2 ސަމްސާ ބައި ކަސްޓަރޑް ޕައުޑަރ

3 ސަމްސާ ހަކުރު

1 އާފަލު ކުދިކޮށް ކިއުބްގޮތަށް ކޮށާފައި \

2 އަނބު ކުދިކޮށް ކޮށާފައި

1 ދޮންކެޔޮ ކުދިކޮށް ކޮށާފައި

1/2 ޖޯޑު އަންނާރު އޮށް (ބޭނުންނަމަ)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ކިރުފޮދެއްގައި ކަސްޓަރޑް ގިރާލާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކިރުއަޅާފައި ކެކިގަތީމާ ހަކުރުވެސް އަޅާފައި ހަކުރު ގިރެންދެން މަޑުގިނީގައި ދޭފަތުން ހަލުވަމުންދާށެވެ. ދެން ގިރާފައި ހުރި ކަސްޓަރޑުން ފަހަރަކު ފޮދެއް ތަވަޔަށް އަޅަމުން ގޮސް ހުސްވަންދެން އަޅާފައި އޮލަވަންދެން ދޭފަތުން ހަލުވަމުންދާށެވެ. ކަސްޓަރޑް ރަނގަޅަށް ކެކުނީމަ އުނދުންމަތިން ބާލާފައި މަތިޖަހާފައި ހިހޫކުރަން ބަހައްޓާށެވެ. ހިހޫވީމާ ބޯތަށްޓަކަށް ފުރުޓް އަޅާފައި އޭގެ ތެރެއަށް ކަސްޓަރޑް އެޅުމަށްފަހު ސަމްސަލަކުން އެއްކޮށްލާށެވެ. ފްރިޖްގައި ފިނިކުރުމަށް 2 ގަޑި އިރު ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.