English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މިސެގްމެންޓްގައި މިއަދު ގެނެސްދެނީ ބީފް ބިިރިޔާނީ ކައްކާގޮތުގެ ރެސިޕީއެވެ. ބިރިޔާނީ އަކީ ޒަމާނުއްސުރެ ދިވެހި ރާއްޖޭގައި އީދު ދުވަހަށް ހާއްސަކޮށްގެން ކައްކަމުން އަންނަ ކެއުމެކެވެ.

ބޭނުންވާތަކެތި:

500ގްރާމް ބީފް (ކުދިކޮށް ކޮށާފައި)

1 ފިޔާ ކޮށާފައި

2 ސަމްސާ ކޮރިއަންޑާ ޕައުޑަރ

1/2 ސަމްސާ ރީނދޫ

1 ސަމްސާ މިރުސް ޕައުޑަރ

1 ސަމްސާ އިނގުރު ގާނާފައި

1 ސަމްސާ ލޮނުމެދު ގާނާފައި

2 ފެހި މިރުސް ކޮށާފައި

1 ސަމްސާ ގަރަމް މަސާލާ

2 ޓޮމާޓޯ ކުދިކޮށް ކޮށާފައި

1/2 ޖޯޑު މިންޓްފަތް

1 ސަމްސާ ދިރި ޕައުޑަރ

2 ސަމްސާ ބިރިޔާނީ މަސާލާ

ހިކަނދިފަތް

1 ޕްލެއިން ޔޯގަޓް

1 ސަމްސާ ގިތެޔޮ

ލޮނު

3 ޖޯޑު ބާސްމަތީ ހަނޑޫ ކައްކާފައި (ބަތް ކައްކާއިރު ބޭލީފް ،3 ކަރަންފޫ، 2 އިންޗި ވަރު ފޮނިތޮށި ލޮނު އަދި ގިތެޔޮ ކޮޅެއް އަޅާފައި ކައްކާފައި)

2 ފިޔާ ކޮށާފައި ގޯލްޑެން ބްރައުން ކުލައަރަންދެން ތެލުލާފައި)

1/2 ޖޯޑު މޭބިސްކަދުރު ތެލުލާފައި

1/2 ޖޯޑު ކެޝޫނަޓް ތެލުލާފައި

1 ޖޯޑު ފެން

7 ބިސް ފެނުކައްކާފައި

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ބީފްގެ ތެރެއަށް ޔޯގަޓް، ރީނދޫ ކޮޅެއް، ކޮރިއަންޑާ ޕައުޑަރ، މިރުސް ޕައުޑަރ އަޅާފައި މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން ތެއްޔެއް އުނދުން މައްޗަށް އުދާފައި ގިތެޔޮ ކޮޅެއް އަޅާފައި ފިޔާ، ހިކަނދިފަތް، ލޮނުމެދު އަދި އިނގުރު އަޅާފައި ފިޔާކޮޅު ރަތް ވަންދެން ދޭފަތުން ހަލުވަމުން ދާށެވެ. ދެން ފިޔާކޮޅު މޯޅި ވީމާ، ރީނދޫ، މިރުސް، ކޮރިއަންޑަރ ޕައުޑަރ، ގަރަމްމަސާލާ، ދިރި ޕައުޑަރ، ބިރިޔާނީ ޕައުޑަރ އަދި ލޮނު އަޅާފައި އެއްކުރާށެވެ. ހަވާދުތައް ރަނގަޅަށް އެއްވީމާ ބީފް ކޮޅު އަޅާފައި އެއްޖޯޑު ފެން ވެސް އެޅުމަށްފަހު ބީފް ރޯފިލަންދެން މަތިޖަހައިގެން މަޑު ގިނީގައި ކައްކާށެވެ. ދެން ބީފް ރޯފިލުމުން 2 ސަމްސާ ޔޯގަޓް އަދި ޓޮމާޓޯ އަޅާފައި އަނެއްކާ މަތިޖަހައިގެން 5 މިނެޓް ވަރު ކައްކާފައި ތެލި އުނދުން މަތިން ބާލާށެވެ. ރިހަ މާބޯނަމަ އިތުރަށް ކުޑަ ފެންފޮދެއް އަޅާލެވިދާނެއެވެ. ނަމަވެސް މާބޮޑަށް ދިޔާ ނުކުރުން ރަނގަޅެވެ.

ދެން ޓްރޭއެއްނަގާފައި ކައްކާފައި ހުރި ބަތުން އެއްލޭޔާ އަޅާފައި މި ލޭޔާގެ މައްޗަށް ، ތެލުލާފައި ހުރި ފިޔާ، ކެޝޫނަޓް، މޭބިސްކަދުރު އަޅާފައި އޭގެ މައްޗަށް ރިހަ ސަމްސަލެއް އަޅާށެވެ. ބަތް ހުސްވަންދެން މިގޮތަށް ލޭޔާހަދާފައި އެންމެ މައްޗަށް ބާކީ ރިހަ، ފިޔާ، ކެޝޫނަޓް، މޭބިސްކަދުރު ބިސް އަދި މިންޓް ފަތްއަޅާފައި ސާރވް ކުރާށެވެ.