މެދުކަނޑާލާފައިވާ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ލީގުތައް އަލުން ފެށުމުގެ ގޮތުން އެ ގައުމުގެ ކްލަބުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ތެރޭގައި، މިހާތަނަށް ތިން ކްލަބަކުން ހަ މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިހާތަނަށް އައިއިރު ޕްރިމިއާ ލީގުގެ 19 ކްލަބަކަށް ނިސްބަތްވާ 748 މީހަކު ޓެސްޓްކުރެވިފައިވާއިރު، ކުރިން ޓެސްޓުނުކުރެވި ތިބި ނޯވިޗް ސިޓީގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ޓެސްޓް އަންގާރަ ދުވަހު ހަދާފައިވެއެވެ.
އަދި މިހާތަނަށް ޕޮޒިޓިވްވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ތިން ކްލަބެއް ކަމަށާއި، އޭގެތެރޭގައި، ވަޓްފޯޑްގެ ދެ ސްޓާފަކާއި ކުޅުންތެރިއެއްގެ އިތުރުން ބާންލޭގެ އެސިސްޓެންޓް މެނޭޖަރު ހިމެނޭއިރު، އަނެއް ދެ މީހުން ނިސްބަތްވަނީ ކޮން ކްލަބަކަށް ކަމެއް ހާމަކޮށްފައެއްނުވެއެވެ.
ޕްރިމިއާ ލީގުގެ ކްލަބުތަކަށް ނިސްބަތްވާ ހަ މީހަކު ޕޮޒިޓިވްވެފައި މިވަނީ، މިދިޔަ ހޯމަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ހުރިހާ ކްލަބުތަކުން އަންގާރަ ދުވަހު ގްރޫޕް ޓްރެއިނިންތައް ފެށުމަށް ވޯޓަކުން ފާސްކޮށްފައިވަނިކޮށްނެވެ. އަދި ޕޮޒިޓިވްވި ފަރާތްތަކަށް ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނަށް ދިއުމަށް އަންގާފައިވާއިރު، މިހާތަނަށް އެއްވެސް މީހެއްގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށްވެއެވެ.
މިދިޔަ މާރިޗް މަހުގައި ލީގު މެދުކަނޑާލިއިރު ބާކީ އޮތް 92 މެޗު ކުޅޭނެ ގޮތަކާ މެދު ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. ނިއުޓްރަލް ވެނިއު އެއްގައި ހުރިހާ މެޗެއް ކުޅެން ޕްރިމިއާ ލީގުން ވިސްނި ނަމަވެސް ހުރިހާ ކްލަބެއްގެ ރުހުން ނުލިބި އެކަން އޮތީ މަޑުޖެހިފައެވެ.
މެދުކެނޑުމަށް ފަހު ޖަރުމަނުގެ ފުޓްބޯޅަ ލީގުތައް ފެށުމުގެ ކުރީން 1،700 އެއްހާ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރެވުނުއިރު، 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް، ޖަރުމަނުގައި ލީގު މިހާރު ފެށިގެން ކުރިއަށްދިއުމަކީ ފުޓްބޯޅަ އަށް ލިބުނު ހިތްވަރެއް ކަމަށާއި އެ ގައުމުގައި ކަންތައްތައް ކުރާގޮތް ބަލަމުން އަންނަ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، ޕްރިމިއާ ލީގުގެ ތިން ކްލަބަކަށް ނިސްބަތްވާ ހަ މީހަކު ޕޮޒިޓިވްވެފައިވީނަމަވެސް، ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހު ލީގު ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މާބޮޑު އަސަރެއް ކުރާނެކަމަށް ނުބެލެވެއެވެ. އިނގިރޭސި ސަރުކާރުން ވެސް ވަނީ އަންނަ މަހުގެ މެދުތެރޭގައި ޕްރިމިއާ ލީގު ފެށުމުގެ ފެހި ސިގްނަލް ދޭނެ ކަމަށް ބުނެފައެވެ.
ލީގު މެދުކަނޑާލިއިރު، 29 މެޗުން ހޯދީ 82 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު، އެ ޓީމާ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 25 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 53 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ 48 ޕޮއިންޓާއެކު ޗެލްސީ އެވެ.