English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ދޮންކެޔޮ ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ރެސިޕީއެކެވެ. މި ރެސިޕީ އަކީ ރޯދަ ވީއްލުމަށްފަހު ކައި ނިމުމުން ޑެޒަޓެއްގެ ގޮތުގައި ބޭނުންކޮށްލަން ވަރަށް މީރުވާނެ އެއްޗެކެވެ.

ބޭނުންވާތަކެތި:

4 މީހުންނަށް:-

2 ސަމްސާ ބަޓަރ

1/4 ޖޯޑު ބްރައުންޝުގާ

2 ދޮންކެޔޮ ތުނިކޮށް ދިގަށް ފޮތިކޮށްފައި

ޕަފްޕޭސްޓްރީ ޝީޓް

1/2 ޖޯޑު ޗޮކްލެޓް ވިރުވާފައި ނުވަތަ ނަޓެއްްލާ

ވެނީލާ އައިސްކްރީމް (ބޭނުމިއްޔާ)

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ބަޓަރ ވިރުވާފައި އޭގެތެރެއަށް ބްރައުންޝުގާވެސް އަޅާފައި ރަނަގަޅަށް ވިރުވާލާށެވެ. ބަޓަރ އަދި ހަކުރު ވިރުވުމަށް އަވަންވެސް ބޭނުންކުރެވިދާނެ ނޫނީ ތަވައަކަށް މި ދެބާވަތް އެޅުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ވިރުވާލެވިދާނެއެވެ. ދެން ވިރުވި ހަކުރުގެ ތެރެއަށް ދޮންކެޔޮ އަޅާފައި ރަނގަޅަށް ކޯޓްކޮށްލާށެވެ. އެއަށްފަހު ޕޭސްޓްރީ ޝީޓެއް ނަގާފައި އޭގެމަތީގައި އެއްކަނުން އަނެއްކަނަށް ވާގޮތަށް ދޮންކެޔޮ ފޮއްޗެއް ބާއްވާފައި ޝީޓްގެ އަނެއް ދެކަން ޖައްސާފައި ތަތްކުރާށެވެ. ދޮންކެޔޮ ހުސްވަންދެން މިގޮތަށް ހަދާށެވެ. ޓްރޭއެއްގައި ތައްޔާރުކުރި ބަނާނާ ބަންޑުލްސް އަތުރާލާފައި އަވަނަށްލުމަށްފަހު 20-25 މިނެޓްވަންދެން ފިހެލާށެވެ. ފިހެ ނިމުމުން މައްޗަށް ޗޮކްލެޓް ނޫނީ ނަޓެއްލާ އެޅުމަށްފަހު ބޭނުން ނަމަ އައިސްކްރީމް ސްކޫޕެއްވެސް އަޅައިގެން ސާރވް ކުރާށެވެ.