English Edition
Dhivehi Edition

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބިރުވެރިކަމާއެކު ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރާއްޖެއިން ލިބެން ހުރި ސިއްހީ ވަސީލަތްތައް މެދުކަމާއެކު ރާއްޖެއަށްވެސް ސިއްހީ ސާމާން ހޯދަން އުދަގޫތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ބިރެވެ. މި ދަތި ދަނޑިވަޅުގައި، އުފެއްދުންތެރިކަން ދަށް މި ގައުމުގެ ދިވެހިންނަށް އެއްވެސް ކަހަލަ ވަސީލަތްތަކެއް، އަމިއްލައަށް އުފެއްދި ދާނެތޯ ބަލައި އެކަމާއި ވިސްނީ މަދު ބަޔެކެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ދުނިޔޭގައި ވެންޓިލޭޓަރު ލިބުމުގެ ދަތިކަން ކުރިމަތިވެފައި ވަނިކޮށް ދިވެހި ސިފައިން ދެ ހަފްތާ ދުވަހުގެ މަސައްކަތުން ހެދި ވެންޓިލޭޓަރާއެކު ގިނަ ބައެއްގެ ޝައުގާއި،ޝުކުރާއި ތައުރީފް އޮހިގެން ދިޔައެވެ. އެހާ ހިސާބުން ދިވެހި ހުނަރުވެރި އުފެއްދުންތެރިންނަށްވެސް އެމީހުންގެ ހުނަރު ދައްކާލުމަށް ހިތްވަރެއް ލިބިގެންދިޔައެވެ.

އައްޑޫ ސިޓީ މީދޫއަށް އުފަން އުމުރުން 25 އަހަރުގެ އަހްމަދު މުއީދު ވެންޓިލޭޓަރެއް އުފެއްދީ އެންމެ ހަފްތާއެއްގެ މަސައްކަތުންނެވެ. ރަށުގައި ހުރެގެން މުއީދު ވެންޓިލޭޓަރު އުފައްދާފައިވާނީ ވަރަށް ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންނެވެ. ވެންޓިލޭޓަރު އުފެއްދުމަށް ބޭނުންވާ ތަކެތި އެއްކުރުމުގެ މަސައްކަތް މުއީދު ފެށީ މީގެ އަށެއްކަ ވަރަކަށް ދުވަސް ކުރިންނެވެ. މިގޮތުން މި ވެންޓިލޭޓަރު އުފެއްދުމަށް މުއީދު ބޭނުންކޮށްފައިވަނީ ކަބަޑު ފިލާ އާއި މޯޓަރެއްގެ ގޮތުގައި ކާރުގެ ބިއްލޫރިގަނޑު ތިރިކުރަން ބޭނުންކުރާ އެއްޗެއްގެ އިތުރުން ފަންކާ އާއި ސްޕީކަރެއް ރޫޅާލައިގެން ހޯދާފައިވާ ތަކެއްޗާއި އަދިވެސް ފަސޭހައިން ރަށުން ލިބެން ހުރި ތަކެއްޗެވެ. .

މުއީދުގެ މި މަސައްކަތާއި ބެހޭ ގޮތުން ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުނީ ވެންޓިލޭޓަރު އުފެއްދުމުގެ ހިޔާލަކީ ވެންޓިލޭޓަރަކީ ކޮވިޑް19 އާއި ގުޅިގެން އެންމެ މުހިންމު އެކަތި ކަމަށާއި އެކަމަކު ބަލި ފެތުރޭ ވަރަށް ބަލާފައި ވެންޓިލޭޓަރ ލިބުން ވަރަށް ދަތިވެދާނެކަމަށް ވިސްނުނު ކަމަށެވެ.” ދެން ހިތަށްއެރީ ރަނގަޅަށް މިކަން ކުރެވިއްޖެއްޔާ ދަތި ދުވަހަކާ ހަމައަށް ދާއިރު ފައިދާ ވާނޭ. މި ވެންޓިލޭޓަރަކީ އެފްޑީއޭގެ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށް ބޭނުންކުރާ ވެންޓިލޭޓަރު ފެންވަރުގެ އެއްޗެއް ނޫން. އެކަމަކު މި ހާލަތުގައި ވެންޓިލޭޓަރެއް ނުލިބި، އަދި ލިބެންދެންވެސް ބޭނުން ޖެހިއްޖެ ނަމަ މި ވެންޓިލޭޓަރު ބޭނުންކުރެވިދާނެ” މުއީދު ބުންޏެވެ. މި މަސައްކަތުގައި ދިމާވި ދަތިތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން މުއީދު ބުނީ ވެންޓިލޭޓަރަށް ބޭނުންވާ އެންމެ މުހިންމު އެކަތި ކަމަށްވާ އެއާބޭގް ރަށުން ނުލިބުމުން އެ ހޯދީ ހުޅުމީދޫ ސިއްހީ މަރުކަޒުންކަމަށާއި މިހާރު ވެންޓިލޭޓަރު ވަނީ ހުޅުމީދޫ ހެލްތު ސެންޓަރުގައި ޓެސްޓް ވެސް ކޮށްފައިކަމަށެވެ.

އިތުރަށް މުއީދު ބުނީ މި މަސައްކަތްކުރުމަށް އިންޓަނެޓުންނާއި، ޔޫޓިއުބުންނާއި އެނޫންވެސް ވަސީލަތްތަކުން މައުލޫމާތު ހޯދާފައިވާކަމަށާއި އަދިވެސް ވެންޓިލޭޓަރަށް ކުދިކުދި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އެހެންކަމުން އިތުރަށް އެ މެޝިން ތަރައްގީ ކުރުމަށް ހަފްތާއެއް ވަރު ނަގާނެ ކަމަށާއި އޭގެ ފަހުގައި އެ މެޝިންގެ ޓެސްޓު ޓްރަޔަލްތައް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް މުއީދު ބުނެއެވެ.

އަބަދުވެސް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ މުއީދު ބުނީ މިހާރު އޭނާގެ ވިސްނުން ހުރީ ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންކުރާ، ޕީސީއާރް މެޝިނެއް އުފެއްދުމަށްކަމަށެވެ. އެކަމަކު ވެންޓިލޭޓަރާ ހިލާފަށް ޕީސީއާރު މެޝިނަށް ބޭނުންވާ ގިނަ ސާމާނު ހޯދަން ޖެހެނީ ރާއްޖެ އިން ބޭރުންކަން މުއީދުވަނީ ފާހަގަކޮށްފައެވެ.