English Edition
Dhivehi Edition

ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް މީހަކު އަޅުވާ ވީޑިއޯއެއް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާއިރު އެ ވީޑިއޯއަކީ މީގެ 7 އަހަރު ކުރީގެ ވީޑިއޯއެއްކަމަށް ހާމަވެއްޖެއެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ކީރިތި ރަސޫލާއާއި މެދު އިހާނެތި ބަސް ބުނެފައިވާ ކަމުގެ ދޮގު އިލްޒާމް، ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ، ރ. އަނގޮޅިތީމް ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހަކުގެ މައްސަލަ ތަހްގީގްކޮށް، ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.އަދި އެ އިންޓަވިއު ގެނައިސްދިން މީޑިއާގެ މައްސަލަތައް ވެސް ތަހްގީގް ކޮށް، ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާކަމަށް މަޖިލީހުންވަނީ ބުނެފައެވެ.

މި ވީޑިއޯ އާއި ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ވީޑިއޯ އެންމެ ފުރަތަމަ މީސް މީޑިއާގައި ހިއްސާ ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. 2013 ވަނަ އަހަރު ބައެއް ޓީވީ ޗެނަލްތަކުންވެސް މި ވީޑިއޯ ދެއްކިއިރު މި ވީޑިއޯ އެންމެ ފުރަތަމަ ލާފައިވަނީވެސް އަދާލަތު ޕާޓީގެ ވީޑިއޯތަށް ގެނެސްދޭ އަދާލަތު ކޮމިއުނިޓީގެ ޔޫޓިއުބު ޗެނަލްއަށެވެ.

ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ ހ. ގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.