ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ، ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެއް ކަމަށް އެމްޑީޕީ އިން ބުނެފިއެވެ
އެމްޑީޕީން މިހެން ބުނެފައިވަނީ ރައީސް ނަޝީދު ކީރިތި ޤުރްއާނާއި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އާ ގުޅޭ ގޮތުން ދެއްކެވިކަމަށް ބުނެ ރ. އަނގޮޅިތީމު ޖީޒާ ޢަލީ އިބްރާހީމް ދެއްކި ވާހަކަތައް ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނީ އެޕާޓީގެ އެންމެ އިސް އެއް އަމާޒަކީ އިސްލާމް ދީން ހިމާޔަތް ކުރުންކަމަށާއި އެމްޑީޕީގެ އަސާސީ ޤަވާޢިދު ބިނާވެފައިވާނީ އަދި، ޕާޓީން ކަނޑައަޅާ އެންމެހައި ސިޔާސަތުތައް އެކުލަވާލާފައިވާނީ އިސްލާމް ދީން ހިމާޔަތްކޮށް، އިންސާނީ ޤަދަރާއި ކަރާމާތް ރައްކާތެރިކޮށް ޑިމޮކްރެޓިކް އުޞޫލުތަކާއި ހަމަތައް ނެގެހެއްޓުމަށް އިސްކަން ދީގެން ކަމަށެވެ.
އަދި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ އަދި އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކާއި އަސާސްތައް މަތީ ދެމި ހުންނެވި މުސްލިމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. “އަޅުގަނޑަކީ، ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކުކަމަކާ ނުލައި ހިތުގެ އަޑިން ޤަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާއި މެދު އިންތިހާއަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް”. ރައީސް ނަޝީދު ވިދާޅުވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ދީނީ ޢަޤީދާ އާ ގުޅޭ ގޮތުން އެކިގޮތްގޮތުން ސުވާލު އުފައްދައި ރައްޔިތުންގެ މެދުގައި އެމަނިކުފާނާއި މެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ އެމްޑީޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާއި، ރުޅިވެރިކަމާއި ނަފްރަތު އުފައްދައި، ބުހުތާނު ދޮގުހަދައިގެން ވާހަކަ ދައްކައި ރައްޔިތުންގެ ހިތްތަކުގައި ނަޝީދާ މެދު ރުޅިވެރިކަން އުފެއްދުމަށް ކުރަމުންގެންދާ ވިޔާނުދާ ޢަމަލުތައް ހުއްޓާލުމަށް އެ ޕާޓީންވަނީ ގޮވާލާފައެވެ.