English Edition
Dhivehi Edition

ރައިސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައި ވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައިކަމަށެވެ. އެހެންނަމަވެސް މި ހުށަހެޅުމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ގާނޫނުގައި ވާ ގޮތުން މަހަކު 175،000 ރުފިޔާ އަށް ވުރެ ބޮޑު އިނާޔަތެއް އަންނަނީ ދެމުންނެވެ. އެއީ މަހަކު 50،000 ރުފިޔާގެ މުސާރަ އާއި، ދިރިއުޅޭ ތަނުގެ ހަރަދަށް 50،000 ރުފިޔާ އަދި މުޖްތަމައަށް ފައިދާހުރި މަސައްކަތެއް ކުރައްވުމަށް ހުޅުވާ އޮފީސްތައް ހިންގުމަށް 87،000 ރުފިޔާ އެވެ.

ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު، އާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންއެވެ. ރައީސް ޔާމީން ފިޔަވައި ހުރިހާ ރައީސުންނަށްވެސް އިނާޔަތް ދެމުން އަންނައިރު. މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމް ނިމުމަށް ފަހު އެހެން ރައީސުންނެކޭ އެފަދައިން ރައީސް ޔާމީން އަށްވެސް މި އިނާޔަތްތައް ލިބިވަޑައިގަންނަވާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވާ ގެއްލުން ކުޑަކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީންވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މި ގޮތުން ދައުލަތުން ބޮޑެތި މުސާރަ ދޭ ފަރާތްތަކުގެ މުސާރަތައް 20 އިންސައްތަ އާއި 30 އިންސައްތަ އަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

1 ކޮމެންޓް
ޝިޢުބު
މެއި 17, 2020
ނަންވާނީ އަދުރޭ މީގަވެސް މިހުރީ ހަމަ ހިސާބު ޢަދަދު