މި އަހަރަށް ކަނޑައެޅި “ސްޕެޝަލް ބަޖެޓު” ގެ ބޮޑުބައި ހަރަދުވެ، އެ ބަޖެޓުގައި މިހާރު ބާކީ އޮތީ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. ދައުލަތުން ކުރި ހަރަދުތަކުގެ ތަފުސީލު ހާމަކޮށް އެ މިނިސްޓްރީން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ނެރުނު މައުލޫމާތުގައިވާ ގޮތުން، މުޅި އަހަރަށް ކަނޑައެޅި ބަޖެޓުގެ ބޮޑު ބައެއް މިހާރު ވަނީ އެކި ކަންކަމަށް ހޭދަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އަހަރަށް ސްޕެޝަލް ބަޖެޓުގެ ގޮތުގައި ޖުމްލަ 28 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެ ބަޖެޓުން ވަނީ 20.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންކަމުން އަހަރުގެ ބާކީ އޮތް މުއްދަތަށް މިހާރު ބޭނުންކުރަން އޮތީ ހަތް ބިލިއަނެއްހާ ރުފިޔާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.
ސްޕެޝަލް ބަޖެޓަކީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ވަކިން އިންތިޒާމުކޮށް ބަލަހައްޓަމުން ގެންދާ މުހިންމު ބަޖެޓެކެވެ. މީގެ ތެރޭގައި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ތަފާތު ސަބްސިޑީތަކާއި، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ދޭ މާލީ އެހީތެރިކަން ހިމެނެ އެވެ. މިފަދަ ހަރަދުތަކަކީ އަހަރުގެ އެކި ދުވަސްވަރު މެދުކެނޑުމެއް ނެތި ހިނގަމުންދާ ކަންކަމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭންޖެހޭ އިނާޔަތްތަކާއި، ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތްތަކާއި އެ ބޭފުޅުންނަށް ކުރަންޖެހޭ އެހެނިހެން ހަރަދުތައް ވެސް ހަމަޖައްސަނީ މި ބަޖެޓުގެ ތެރެއިންނެވެ.
މުޅި އަހަރަށް ކަނޑައެޅި ސްޕެޝަލް ބަޖެޓުން މިހާރު ބާކީ ހަތް ބިލިއަން ރުފިޔާ އޮތްއިރު، އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް، ވަކި ހަމައެއްގައި ހިފެހެއްޓުމަށް މާލީ ވުޒާރާއިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ.