ޕެންޝަން ފަންޑުގައި ހުރި ފައިސާތައް މިހާރުވެސް ވާނީ އެކިއެކި ކަންކަމަށް އިންވެސްޓްކުރެވިފައި ކަމަށާއި އެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ޕެންޝަން ފަންޑުން ފައިސާ ނެގުމަށް އާންމުން ގޮވާލަމުން ދިޔަކަމުގައި ވީނަމަވެސް، ވަކި ވަކި މީހުންގެ އެކައުންޓްގައި އެވަރަށް ފައިސާ ނުހުންނާނެ ކަމަށެވެ. ޕެންޝަން ފަންޑަށް ޖަމާ ކުރާ ފައިސާގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ޖަމާ ކުރާ ފައިސާ ހުރި އިރު އެ ފައިސާއަކީ އެހެނިހެން ކަންކަމުގައި އިންވެސްޓްވެސް ކުރާ ފައިސާކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ގަވަމެންޓް ސެކިއުރިޓީޒް އާއި އެހެނިހެން ސެކިއުރިޓީޒްތަކުގައި އިންވެސްޓްކުރަމުންދާނެ ކަމަށެވެ.
“އެހެންވީމަ ސީދާ ލިކުއިޑް ކޭޝްއެއް ނުހުންނާނެ ޕެންޝަން ފަނޑުގައި. އަޅުގަނޑަށް އެނގޭ އެވާހަކަ އެންމެ ބޮޑަށް ދައްކާ މީހުންނަށް އެނގޭނެ ކިހިނަކުން ހިނގާއެއްޗެއްކަން ޕެންޝަން ފަންޑަކީ.” އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު މި ދަނޑިވަޅުގައި ކިތަންމެ ދަށްވެފައިވީ ނަމަވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އިތުރަށް އަމީރު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ ސަރުކާރުން ހަމަ ބޭނުންވާ އިރަށް ބޭނުން ކުރަން ހުންނަ އެއްޗެއް ނޫން ކަމަށާއި ބޭނުންވާއިރަށް އެ ފައިސާ ބޭނުން ނުވެސް ކުރެވޭނެ ކަމަށެވެ.