ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އާ މަގާމުތައް ނުއުފެއްދުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް އަންގައިފިއެވެ.
އިއްޔެ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލިއްޔަތާ ބެހޭ ސާކިއުލާގައި ވަނީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމަށް އެދިފައެވެ. އަދި ހަރަދުތައް ރަނގަޅަށް ކުރުމަށް ފިިިޔަވަޅުތައް އަޅަންވެސް ފިނޭންސް އިން ވަނީ ދައުލަތުގެ އިދާރާތަކަށް އަންގާފައެވެ.
މީގެ އިތުރުން ފިނޭންސްގެ ސާކިއުލާގައި ވަނީ ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު، މި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އަދި ބަޖެޓްގައި ހިމަނާފައި އޮތަސް މިހާރު ދޭން ފަށާފައި ނުވާ އައު އެއްވެސް އެލަވަންސެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭގައި ނުދެވޭނެކަމަށް އެ ސާކިއުލާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ސާކިއުލާގައިވަނީ ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމުމަށާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް އަންގާފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ވެސް ވަނީ އަންގާފައެވެ. މި ގޮތުން އެ މިނިސްޓްރީއަށް އެންގުމަކާ ނުލާ ސްޓަޑީ ޓުއާތަކާއި ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުތައް ނުކުރުމަށް ވަނީ އަންގާފައެވެ. އަދި ގައުމީ ސްކޮލާޝިޕް ސްކީމުތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޯލާޝިޕެއް ނުދިނުމަށް ވެސް ވަނީ އަންގާފައެވެ.