English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޑްރިލެއްގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 03:00 އާއި ހަމައަށް އިތުރު 08 ދިވެހިންނާއި ބަންގްލަދޭޝްގެ 03 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1031 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 671 ބިދޭސީންނާއި 360 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 535 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 46 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

އެގޮތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރޭގައި 83 އަހަރުގެ ދިވެހި އަންހެނަކާއި، ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހަކާއި، 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ، ހުސައިން ޢަބްދުﷲ ހިމެނެއެވެ.

މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު މެއި 28ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.