އައްޑޫސިޓީ ގެ 6 ރަށުގައި ހަދާ 40 ކިލޯމީޓަރުގެ ތާރުމަގު ހެދުމުގެ ކޮންޓްރެކްޓްގައި އިއްޔެ ސޮއި ކޮށްފިއެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ (އެލްއޯސީ) ދަށުން ކުރުމަށް ހަމަޖެހިފައިވާ އައްޑޫގެ ތަރައްޤީގެ މަޝްރޫޢުގެ ތެރެއިން މަގު ހެދުމުގެ މި ޕްރޮޖެކްޓް ޙަވާލުކޮށްފައިވަނީ އިންޑިއާގެ “އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް” އާއެވެ. 730 ދުވަހުން ނިންމުމަށް ކަނޑައެޅިފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި މަސައްކަތް ޙަވާލުވި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އިތުރު 60 ކިލޯ މީޓަރުގެ މަގުގައި، ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރި ކުރުމަށްޓަކައި އަޅާ ސިމެންތި ސްޓެބިލައިޒްޑް ބޭސް ލެޔަރ އެޅުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.
The construction contract for design & build of roads and drainage systems in Addu City is signed between @MoNPHImv & Afcons Infrastructure Ltd.
This is the 1st contract to be signed for a project financed under the $800 million Indian Line of Credit#MaldivesIndiaPartnership pic.twitter.com/vjP1rGQfug
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 21, 2021
މިމަޝްރޫޢާއެކު ،މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސްކުރާނެއެވެ. މަގުހެދުމުގެ މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުބައްތި ޖަހައި، ސީސީޓީވީ ކެމެރާ ހަރުކޮށް އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ޓްރެފިކް ނިޝާންތައް ހަރުކުރެވިފައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން ލިންކްރޯޑުގެ ހަންކެޑެ ސަރަހައްދާއި ވީ ހިސާބު ހުޅަނގުން ފެށިގެން ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ދެމެދު ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކް ރޯޑެއް މިމަޝްރޫޢާއި އެކު ގާއިމް ކުރެވިގެންދާނެއެވެ.
އައްޑޫ ޑިވެލޮޕްމަންޓް މަޝްރޫއުގައި ހިމެނޭ ބިންހިއްކުމުގެ އަމަލީ މަސައްކަތް ޓެންޑާ ކުރުންވެސް މާޗް މަހުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.