English Edition
Dhivehi Edition
އެންއީއޯސީގެ ޕްރެސް ކޮންފަރެންސެއްގައި ޑރ. އަފްޒަލް ވާހަކަދައްކަވަނީ - ފޮޓޯ: އެންއީއޯސީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 06 މީހަކު ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 06 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 05 ފިރިހެނުންނާއި އަންހެނެކެވެ. އަދި އެއީ ހުސް ދިވެހިން ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 46 އަށް އަރައިފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

މިއަދުވެސް ރާއްޖެއިން 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 982 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.

ޞިއްޙީ މާހިރުން ލަފަކުރާ ގޮތުގައި މި ދެ ހަފްތާގައި މާލޭގެ ޙާލަތު އިތުރަށް ގޯސްވެ، ރާއްޖެ ‘ޕީކް’ އަށް ދާނެއެވެ.

މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މެއި 28ގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.