‘ދިޔާ އޯރް ބާތީ’އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަނަސް ރާޝިދު(ސޫރަޖު)ގެ ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާ އަންނަ ސެޕްޓެމްބަރު މަހު 10ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
މިއަހަރު އެޕްރީލްމަހު އަނަސްއާއި ހީނާ އިގްބާލުގެ އެންގޭޖްމެންޓު ހަފްލާ ބާއްވާފައިވާއިރު ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހު 9ވަނަ ދުވަހުކަމަށް އަނަސްވަނީ ބުނެފައެވެ. ޕާންޖާބުގައި ބާއްވަން ހަމަޖެހިފައިވާ ކައިވެންޏާއި ބެހޭ ގޮތުން ވާހަކަދައްކަމުން އަނަސް ބުނެފައިވަނީ ކައިވެނީގެ ހުރިހާކަމެއްވެސް ކުރިއަށް ގެންދާނީ މައިންބަފައިން ބޭނުންވާ ގޮތަށްކަމުގައެވެ.”ކައިވެނި ކުރިއަށް ގެންދާނީ އަބަދުވެސް އަހަރެމެންގެ އާއިލާގައި އޮންނަ އުސޫލުތަކާއި އެއްގޮތަށް. “އަނަސް ބުންޏެވެ.
ކައިވެންޏަށް ދައުވަތުދޭން ހަމަޖެހިފައިވާ ހާއްސަ މެހެމާނުންނާއި ބެހޭ ގޮތުން ވާހަކަދައްކަމުން އަނަސް ބުނީ ފިލްމީ ދާއިރާގައި އޭނާ ދަންނަ މާގިނަ ބަޔަކު ނެތްކަމަށެވެ. އެހެންނަމަވެސް ދިޔާ އޯރް ބާތީގެ ޓީމަށް ދައުވަތު ދޭން ނިންމާފައިވާކަމަށެވެ.
އަނަސް އާއި ހީނާގެ ކައިވެންޏާއި ބެހޭ ގޮތުން މީޑިއާގައި ބުނެފައިވަނީ އަނަސް ހީނާއަށްވުރެ 14 އަހަރަށް ދޮށިކަމަށެވެ. އަދި އުމުރުގެ ބޮޑުތަފާތެއް ހުރިއިރު މިއަހަރު އަނަސްއަށް 38 އަހަރު ފުރޭއިރު ހީނާއަށްވާނީ އެންމެ 24 އަހަރުކަމުގައެވެ. އެހެންނަމަވެސް ޕާންޖާބުގެ އާދަކާދައަށް ބަލާއިރު މީ މާ ބޮޑު މައްސަލައެއް ނޫންކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ.