English Edition
Dhivehi Edition

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމުން އެމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ސިޔާސީ ބޭނުމެއްގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓްކުރެވެން ނެތުމާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެ މައްސަލަކީ ސީޔާސީ ބޭނުމެއްގައި ލާފައި އޮތް އެއްޗެކަން އެއްވެސް ބަޔަކަށް އޮޅޭނެކަމެއް ނޫންކަމަށެވެ. “އެހެންނަމަ އައްޑޫގެ އެކަނި ވާހަކަ ނައިފަރު މެމްބަރު ލާކަށް ނުޖެހޭނެ. އައްޑޫގައި ތިބީ ސަރުކާރަށް ނިސްބަތްވާ 07 މެމްބަރުން” ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އައްޑޫގެ މައްސަލަތަކަށް ވާހަކަދައްކަންޖެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން މެމްބަރުންހައްލު ހޯދާނެކަމަށެވެ.

 

މީގެ އިތުރުން ރޮޒައިނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ނައިބު ރައީސް ފައިސަލް ނަސީމާއެކު އައްޑޫގެ ހަތް މެމްބަރުން ބައްދަލުވުމެއް ބާއްވާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އައްޑޫގައި ޓެސްޓް ހެދުމާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުވާނެ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓުކުރެވެން ނެތުމުން ހުށަހެޅި ކުއްލި މައްސަލައިގައި ޝިޔާމް ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގައި މިހާތަނަށް ޓެސްޓްކުރެވޭނެ އެއްވެސް ވަސީލަތެއް ޤާއިމްކޮށްފައިވާއިރު، 35،000 އަށްވުރެ ބޮޑު އާބާދީއެއްގައި ކޮންމެ ސާމްޕަލެއް ނަގައި ޓެސްޓް ކުރުމަށް ފްލައިޓެއް ޗާޓަރުކޮށްގެން މާލެއަށް ގެންދިއުމަކީ ބޮޑު ޚަރަދެއް ހޭދަކުރަންޖެހޭ ކަމެއް ކަމަށެވެ.