މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ބަލިމަޑުކަމާއި ގުޅިގެން ހުއްޓާލާފައިވާ ޓައިވާނުގެ ބޭސްބޯލް ސީޒަނުގެ މެޗުތައް މިދިޔަ ހުކުރު ދުވަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއެކު ކުރިއަށް ގެންގޮސްފިއެވެ.
މީގެ ތިން ހަފްތާ ކުރީން އެ ގައުމުގެ ކުޅިވަރު ހަރަކާތްތައް މެދުކެނޑުމަކަށްފަހު ފެއްޓިއިރު، މިހާތަނަށް އައިއިރު ހުރިހާ މެޗެއްވެސް ކުޅެވިގެންދިޔައީ އެއްވެސް ސަޕޯޓަރަކާ ނުލައެވެ.
އެހެންނަމަވެސް، މިދިޔަ ހުކުރު ދުވަހު ނިއު ޓައިޕޭގެ ޒިންޒުއާން ބޭސްބޯލް ސްޓޭޑިއަމްގައި ފޫބޯން ގާޑިއާންސް އަމިއްލަ ދަނޑުގައި ޔުނި ޕްރެސިޑެންޓް ލަޔަންސްއާ ދެކޮޅަށް ކުޅެ 7-6 އިން މޮޅުވި މެޗު ބަލަން ހާހެއްހާ ސަޕޯޓަރުންވަނީ ކުޅިބަލަން ވަދެފައެވެ.
މީގެއިތުރުން، ދަނޑަށް ކުޅިބަލަން ވަންނަ ސަޕޯޓަރުންނަށް އިޖުތިމާއި ގައިދުރުކުރުމުގެ މިންގަނޑަށް ފެތޭގޮތަށް އިށީނދެތިބެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާއިރު، މާސްކް ނާޅާ އެއްވެސް ފަރާތަކަށް އެ ފުރުޞަތު ދީފައިނުވާކަމަށާއި، އެތަނުގެ ތެރޭގައި ކެއުމާއި ބުއިން ވެސް މަނާކުރެވިފައިވާ ކަމަށްވެސް އެ ގައުމުގެ މީޑިއާ ހަބަރުތައް ބުނެއެވެ.
ޓައިވާނުން މިހާތަނަށް އައިއިރު 440 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އަލަށް ބަލިޖެހުނު އެއްވެސް މީހެއް ފެނިފައެއްނުވެއެވެ. އަދި އެ ގައުމުގައި މި ބަލިން ގާތްގަނޑަކަށް 366 އެއްހާ މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.