ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މުޅި ފްރާންސަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ޖުލައި މަހުގެ 10 ނިޔަލަށް އިތުރުކުރަން އެގައުމުގެ ނޭޝަނަލް އެސެމްބްލީ އިން ނިންމައިފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކޮށް، ހުއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށްޓަކައި ސަރުކާރަށް ގާނޫނީގޮތުން ލިބިގެންވާ ބާރުގެ ދަށުން ނެރެވޭ އަމުރެކެވެ. އަދި މިކަމުގެ ތެރެއިން ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ވަކި އުސޫލެއްގެ ތެރެއިން އެ ފުރުޞަތުދިނުމާއި، އިޖުތިމާއި ގައިދުރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅިފައިވެއެވެ.
އެހެންނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ލިބިގެންވާ މިނިވަންކަން ހަނިވެގެންދާކަމަށް ފްރާންސްގެ ސެނެޓުގެ އިތުރުން ގައުމީ އެސެމްބްލީގެ ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
މިކަމާ ގުޅޭގޮތުން ފްރާންސްގެ ރައީސް އެމާނުއެލް މެކްރޯން ވަނީ އެ ގައުމުގެ ޤާނޫނީ އަސާސީގެ އެއްވެސް މާއްދާއަކާ ފުށުއެރުމެއް އުޅޭތޯ ޔަގީންކުރުމަށްޓަކައި ޤާނޫނީ ކައުންސިލްގެ ލަފާ ހޯދުމަށް ނިންމަވާފައިވާކަމަށްވެސް ފަހުގެ ހަބަރުތައް ބުނެއެވެ.
މީގެއިތުރުން، ފްރާންސްގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތައް ރިޢާޔަތްކޮށް ފުރަބަންދުގެ މުއްދަތަށް ލުޔެއް ގެނައުމަށް ނިންމައި، ހޯމަ ދުވަހުން ފެށިގެން ބައެއް ސަރަހައްދުތައް ވަނީ ހުޅުވާލުމަށް ނިންމާފައެވެ.
މި ބަލިމަޑުކަމާ ގުޅިގެން އެ ގައުމުން 26 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ވަނީ 176،000 އަށްވުރެ އިތުރުވެފައެވެ.