English Edition
Dhivehi Edition

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް، ހާޓްއެޓޭކެއް ޖެހިގެން މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ގެންދިޔަ މީހާ އިތުރު ފަރުވާއަށް މާލެ ގެންގޮސް އައިޖީއެމްއެޗް އިން ހެދި އެމީހާގެ ފުރަތަމަ ޓެސްޓް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް ކަމާ ބެހޭ ފަރާތްތަކުން އެންގުމާއެކު މުޅި އައްޑޫ ސިޓީ އެލާޓަށް އައެވެ. މާލެ ފިޔަވައި ދެވަނަ އަށް އާބާދީ އެންމެ ބޮޑު އައްޑޫސިޓީގައި ކޮމިޔުނިޓީގައި ސްޕްރެޑެއް އޮވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. ޕޮޒިޓިވް ވީ މީހާގެ ކޮންޓެކްޓް ޓްރޭސިންގައި ގިނަ ބަޔަކު ހިމެނޭނެތީވެ ސިޓީގެ އެންމެންގެ މެދުގައި ބިރުވެރިކަން އިންތިހާއަށް ދިޔައެވެ.

މުޅި ދުނިޔެއަށް ބަލާއާފަތަށް ވެފައިވާ ކޮވިޑް 19 ރާއްޖެއަށް އައިސް ވެރިރަށް މާލެ އަށް ބަލި ފެތުރުމުގެ ކުރިން ކަމާ ބެހޭ މުއައްސަސާތަކުން ދިޔައީ އެފަދަ ގޮތަކަށް ވެއްޖެ ނަމަ ކޮންޓްރޯލް ކުރަން އުނދަގޫ ވާނެ ކަމަށާއި ބޭސްވެރިކަމާއި ހުރިހައި ކަމެއް ފުދިފައި ތިބި ގައުމުތަކުން ވެސް އޮބި ނޯވެގެން އުޅޭކަން ހަނދުމަކޮށް ދެމުންނެވެ. ރާއްޖެފަދަ ވަސީލަތްތައް މަދު ތަނެއްގައި ގޮންޖެހުން ގިނަވާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ފަރުދީ ޒިންމާ އަދާކުރުމުގައި ކުރެވުނު އިހުމާލެއްގެ ސަބަބުން މިއަދު އޮތީ އެތަން ފެނިއެކަމާ ކުރިމަތިލާން ޖެހިފައެވެ.

އެންމެ ފުރަތަމަ ޗައިނާގެ ވޫހާން ސިޓީން ކޮރޯނާ ވައިރަސް ފެތުރި މުޅި ދުނިޔެ ސިއްހީ ބިރުވެރިކަމުގެ ރަނގަބީލު އަޅަމުން ދިޔައިރު އަހަރެމެން ބުނަމުން ދިޔައީ ޗައިނާ އޮތީ ވަރަށް ވެސް ދުރުގައި ކަމަށެވެ. ހާސްވާން ނުޖެހޭ ކަމަށެވެ. އެމީހުން ރާއްޖެ އަންނަ ދޮރޯށިތައް ބަންދުކޮށްލުމުން އޯކޭ ވާނެ ކަމަށެވެ. ޗައިނާ އަށް ފަހު މަޑުމަޑުން އެހެން ގައުމުތަކަށް ބަލީގެ ނުރައްކާ ފެތުރެމުން ދިޔައިރުވެސް އަހަރެމެން އަދި ހާހެއް ނުވެއެވެ. ގަބޫލު ކުރެވުނީ އަހަރެމެން މިތިބީ އަމިއްލަ ގައުމުގައި ސަލާމަތުން ކަމަށެވެ. ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އޭގެ ފަހުން ރިސޯޓުތަކުން ޕޮޒިޓިވް ކޭސް ފެނުމުން ގަބޫލު ކުރެވުނީ ރިސޯޓު ތައް ބަންދުކޮށް ލުމުން ނިމުނީ ކަމަށެވެ. މިސްކިތްތަކާއި ފިހާރަތައް އަދި ސްކޫލްތައް ބަންދުކުރުމަކީ ހުންއަންނާނެ ކަމަށް ރަޖާ ލުން ފަދަ ކަމެއް ކަމަށެވެ.

ސިއްހީ ތަޖުރިބާކާރުން ބުނަމުން ގެންދިޔައީ މިއީ ތޫފާނެއްގެ ހިމޭން ވަގުތުކަމަށާއި ތޫފާން ބޯމަތިވާނެ އިރެއް ނޭނގޭކަމަށެވެ. އެ ވާހަކަތައް ސޯޝަލް މީޑިއާގައި ތަފާތު ގޮތްގޮތަށް އިބާރާތް ކޮށްގެން ޖޯކު ޖަހައި ހެދި މީހުން މަދެއް ނޫނެވެ. ނަމަވެސް ހިމޭން ހިނދުކޮޅަކަށް ފަހު ވެރިރަށް މާލެއަށް ތޫފާނުގެ އަސަރު ކުރީ ބަލަބަލައި ތިއްބައެވެ. ނަތީޖާއެއްގެ ގޮތުން ގެތަކަށް ވަދެ ތިބެން މަޖުބޫރުވީއެވެ. ބިރުވެރިކަން އިންތިހާއަށް ދިޔައީއެވެ. ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމާ ބެހޭ ފަރާތްތަކަށް ނުކުޅަދާނަވީއެވެ!

ދެން އޮތީ އައްޑޫސިޓީއެވެ. މާލެ ފިޔަވައި ދެވަނަ އަށް އާބާދީ އެންމެ ބޮޑު ތަނެވެ. ވެރިރަށް މާލެއަށް ވީ ގޮތަށް މިތަނަށް ވާން ނޭދޭ ކަމަށް ތަނުގެ ރައްޔިތުންވެސް ގަބޫލު ކުރެއެވެ. ނަމަވެސް ފަރުދީ ޒިންމާ އަދާކުރުމުގައި ފަސް ޖެހޭކަން އިއްޔެގެ ހާދިސާއިން ވަރަށް ރަނގަޅަށް އެނގި ހާމަވެގެން ހިނގައްޖެއެވެ.

ކަމެއް ވާނީ ބުނެފައި ނޫން ކަމުން ދުރާލާ ތައްޔާރުވެ ސަމާލުވާން ޖެހެނީ މިހެންވެގެންނެވެ. އިއްޔެ ޕޮޒިޓިވް ވި ކަމަށް ބުނި މީހާ ފަހުން ނެގެޓިވް ކަން އެނގުމުން ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އެތައް ބައެއްގެ ދުއާ އިޖާބަވެގެން ދިޔައީއެވެ. ކަލާންގެ ކުޅަދުންވަންތަކަމެވެ! ނަމަވެސް…ފަހަރެއްގައި ވެސް އެއީ ތެދަކަށް ވި ނަމަ މިއަދު އައްޑޫސިޓީ އޮންނާނެ ހާލަތު ވަޒަން ކުރަން ވެސް އެބަޖެހެއެވެ.

ފުރަތަމަ ބަލިމީހާއަށް ފަރުވާ ދިން ހިސާބުން ފަށަން ޖެހެއެވެ. ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް މިފަދަ ދަނޑިވަޅެއްގައި ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންނަށް ފަރުވާ ދޭންޖެހޭ ޑޮކްޓަރުންނާއި ނަރުހުން އެފަދަ ރައްކާތެރިކަމުގައި ތިބި ނަމަ އިއްޔެގެ ހާދިސާއާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުން އަދި ހޮސްޕިޓަލުގެ މުވައްޒަފުން އައިސޮލޭޓްކޮށް އެ މުވައްޒަފުންގެ އާއިލާ އަދި ގެތަށް ކަރަންޓީނު ކުރަން ނުޖެހުނީހެވެ. އަދި އެމީހާ އުފުލި އެމްބިޔުލަންސާއި އެ ވެހިކަލުން އުފުއްލި ކިޑްނީގެ ބަލިމީހާ އާއި މެދު ބިރު ހީވާން ނުޖެހުނީހެވެ. މިއީ ސިއްހީ ދާއިރާގެ އިހުމާލު ކަމަށް ދެކޭ ގިނަބަޔަކު އެބަ ތިއްބެވެ.

ކޮވިޑް 19 އާއި ގުޅިގެން ގިނަ ގަވާއިދުތަކެއް ހޮސްޕިޓަލުގައި މިވަގުތު ހަދާފައިވީ ނަމަވެސް ބަލި މީހާ ދެކިލުމަށް ހޮސްޕިޓަލަށް ދިޔަ މީހުންގެ އަދަދު ގިނައެވެ. ފުރުވަން އެއާޕޯޓަށް ވެސް މީހުން ދިޔައެވެ. ގާތް ތިމާގެ މީހުން ބަލިވުމުން އެފަދަ ގޮތަކަށް ކަންތައްތައް ވާނެކަން ގަބޫލު ކުރަން ޖެހެއެވެ. ނަމަވެސް ހާލަތު އެކަމަށް ތަން ނުދޭއިރު ހާލަތަށް ތަބައަވާން ޖެހެއެވެ. މިއީ ފަރުދީ ޒިންމާއެވެ! އެ ޒިންމާ އަދާ ކުރެވުނު ނަމަ އިއްޔެ ބިރުވެރިކަން އިންތިހާއަށް ދާން ނުޖެހުނީހެވެ!!

ކޮވިޑް 19 އަށް އައްޑޫސިޓީ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ކަމާ ބެހޭ އިދާރާތަކުން ކެނޑި ނޭޅި ގެންދަނީ ބުނަމުންނެވެ. ނަމަވެސް އިއްޔެގެ ހާދިސާއާއި ގުޅިގެން އިވުނީ އެހެން ލަވައެކެވެ. އެއްވެސް އެއްޗެއް އައްޑޫގައި ނެތް ކަމެވެ. ޑޮކްޓަރުންނާއި ނަރުހުން ބޭނުންކޮށްލާނެ ޕީޕީއީ އާއި ސެނެޓައިޒާ އަދި މާސްކުހައި މިންވަރު ވެސް އައްޑޫގައި ނެތް ކަމެވެ. އެކަން ހާމަކޮށްދިނީ ރާއްޖޭގެ މީޑިއާތަކުގެ ކުރިމަތީގައި އެ މުއައްސަސާ ތަކުގެ ވެރިންނެވެ! މިއީ ހިތް ހަމަ ޖައްސާލައިގެން ތިބި އައްޑޫގެ ގިނަ ބަޔަކަށް ލިބިގެންދިޔަ ޝޮކަކަށް ވިއެވެ. ކޮވިޑް 19 އަށް ޓެސްޓެއް ހެދޭނެ މިންވަރުވެސް އައްޑޫގައި ނެތް އިރު މި ވައިރަސް އައްޑޫގައި ފެތުރިއްޖެނަމަ ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން އެނގި ރައްޔިތުން މާޔޫސްވީ އެހިސާބުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މީސް މީޑިއާ ގައި ތަފާތު ގޮތްގޮތަށް މީހުންގެ ޝުއޫރު ބަންޑުން ކުރުން އެއީ ގޯހެއް ކަމަކަށް ނުބުނެވޭނެއެވެ. މިއީ ތިމާ އަދާކުރަން ޖެހޭ ޒިންމާ އަދާ ކުރުމުގެ ބަދަލުގައި އަނެކާގެ ޒިންމާ އޭނަ އަދާކުރޭތޯ ނުވަތަ ނުކުރޭތޯ ބަލައި އެކަމަށް ފާރަލާ ޒަމާނެވެ. ވީއިރު އެކަން އެހެން ވާނެކަން އެނގެއެވެ.

އައްޑޫގައި ބޮޑު ޒަމާނީ ހޮސްޕިޓަލެއް ގިނަ މެޝިނަރީސް ތަކާއެކު އެބަހުއްޓެވެ. ވީއިރު އައްޑޫގައި ކޮވިޑް 19 އަށް ޓެސްޓް ނެހެދި ލަސްވާން ޖެހޭ ސަބަބެއް ނެތެވެ. ވެރިންނާއި ސިޔާސީ ފަރާތްތަކުން ވިދާޅުވަނީ އެކަން ވަރަށް އަވަހަށް ވާނެ ކަމަށެވެ. ނަމަވެސް އެކަން ވާތަން ނުފެންނަ ސަބަބެއް އަދި ނޭނގެއެވެ.

ލިބިގެން ދިޔައީ އަގުހުރި ފިލާވަޅެކެވެ. ކަމާ ބެހޭ ފަރާތްތަކުން އަންގަނީ ބޭނުމެއް ނެތި ބޭރު ތެރޭގައި ނޫޅުމަށެވެ. ފަހަރެއްގައި ވެސް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އޭނަގެ ކޮންޓެކްޓް ޓްރޭސިން އިން ތިމާ ސަލާމަތް ވާނީ އޭރުންނެވެ. އިއްޔެގެ ހާދިސާ އާއި ގުޅިގެން އެޅި ފިޔަވަޅުތައް މިއަދު މިވަނީ ނަގާފައެވެ. ނަމަވެސް އޭގެ މާނައަކީ ކޮވިޑް 19 ގެ ބިރުވެރިކަމުން އަހަރެމެން ސަލާމަތްވީ ނޫންކަމެވެ.

ރައްޔިތުން ޖެހެނީ ކަމާބެހޭ ފަރާތްތަކުގެ އަޑުއަހައި އެންގުން ތަކަށް ތަބައަ ވާށެވެ. ކަމާ ބެހޭ ފަރާތްތަކުން ޖެހެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ހަރުދަނާ ކަމާއެކު އަޅާށެވެ. “ރައްކާވެ ތިބިއްޔާ ދަތުރެވެ”!