English Edition
Dhivehi Edition
އައްޑޫސިޓީގައި މިދިޔަ އަހަރު ބޭއްވި އެކްސްޕޯއެއްގެ ތެރެއިން: ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ރަމަޟާން މަހަށް ޚާއްޞަކޮށްގެން “އައްޑޫ ސިޓީ ވިޔަފާރި ވެރިންގެ ބާޒާރު – ރޯދަ ސޭލް” ގެ ނަމުގައި ބާޒާރެއް ބޭއްވުމަށް ކައުންސިލުން ނިންމައި އެ ބާޒާރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިންޒާމްކޮށްގެން، މި ފެބްރުއަރީ މަހުގެ 21 އިން 25 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބާޒާރުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ބާޒާރު ކުރިއަށް ގެންދާނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް ކަމަށާއި މި ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ކޮށްފައިވާ ތަކެތި ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ބާޒާރުގައި 21 ސްޓޯލެއް ދޫކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، 17 ސްޓޯލް ވިޔަފާރިތަކަށް، ރެޔަކަށް 150/- ރުފިޔާގެ ރޭޓުން އަދި 04 ފުޑް ސްޓޯލް، ރެޔަކަށް 200/- ރުފިޔާގެ ރޭޓުން ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައިކަމަށް ކައުންސިލުން ބުނެއެވެ.

މި ބާޒާރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފާރަތްތަކުން، 2025 ފެބްރުވަރީ 10 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި މިވާ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހަޅަން ޖެހެއެވެ.

ގޫގުލް ފޯމު ލިންކު:https://forms.gle/6ci3HbbgsTuT3YDd6