15 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް އާއި ބައްދަލު ކުރިމެޗުން ބަލިވެ މުބާރާތުން ރާއްޖެ ކަޓައިފިއެވެ.
ޝާފް ޗެމްޕިއަން ޝިޕްގައި ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 9-0 ލަނޑުން ބަލިވި ރާއްޖެ އިއްޔެ ކުޅުނު މެޗުން މުބާރާތް ބާއްވާ ގައުމުގެ އަތުން ބަލިވެ ފައިވަނީ 6-0 ލަނޑުންނެވެ.
އިއްޔެ ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ މެޗާއި ހލާފަށް ރާއްޖޭގެ ޓީމުން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތް ކޮށް ނޭޕާލްގެ ގޯލައަށް ނުރައްކާތެރި ހަމަލާތަށް ފޮނުވާލާފައެވެ.މިގޮތުން އިއްޔެ މަޗުގައި ރާއްޖެ ޓީމްގެ ކެޕްޓަން އިމްރާންގެ ފަރާތުން ފެނުނު މޮޅު ކުޅުން ފާހަގަ ކޮށްލެވެއެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލްއިން ރާއްޖެގެ ޓީމް ކޮޅަށް ހަތަރު ލަނޑު ވާއިރު ދެވަނަ ހާފްގައި ރާއްޖެ ކޮޅަށް ޖެހިފައިވަނީ ދެ ލަނޑެއެވެ.
ރާއްޖެ އާއި ނޭޕާލް ބައްދުލު ކުރި މި މެޗުގައި ރާއްޖެ ކޮޅަށް ނޭޕާލްގެ ދަރުޝަން ހެޓްރިކް ހަދާފައިވާއިރު ނޭޕާލްގެ އަނެއް ތިން ލަނޑު ޖަހާފައިވަނީ ބުރިޖޭޝް،ރޯޝަން އަދި އާކާޝްއެވެ.
މުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެ ދިވެހި ޒުވާން ޓީމަށް ވަނީ މުބާރާތުން ކަޓާފައެވެ.
ސާފް ޗެމްޕިއަންޝިޕަށް ފަހު 15 އަހަރުން ދަށުގެ ގައުމީ ޓީމު ދެން ވާދަކުރާނީ ސެޕްޓެމްބަރު 16 އިން 29 އަށް ތަޖިކިސްތާނުގެ ޑުޝާންބޭގައި އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަ އެވެ.ކޮލިފައިންގައި ރާއްޖެ ހިމެނެނީ އޮމާނާއި ތަޖިކިސްތާނާއި ސީރިއާ އާއި ތުރުކުމެނިސްތާނާ އެކު ގްރޫޕް ބީ ގަ އެވެ.